18 Mar 2018, 13:11
"އޭސީސީއޭ މެމްބާސް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އަމާމް)"ގެ ނަމުގައި ރާއްޖޭގައި ތިބި އޭސީސީއޭ މެމްބަރުންގެ ޖަމްޢިއްޔާއެއް ރަޖިސްޓްރީކޮށް ރަސްމީކޮށް އިފްތިތާހް ކޮށްފި އެވެ.
ރޭ އޮޑިޓް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ ޖަމިއްޔާ ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އޮޑިޑާ ޖެނަރަލް ހަސަން ޒިޔަތު އެވެ.
ޖަމިއްޔާ އިފްތިތާހް ކޮށްދެއްވުމަށް ފަހު ޒިޔަތު ވިދާޅުވީ، އަމާމް ވެގެންދާނީ ރާއްޖޭގައި އެކައުންޓިންގެ ދާއިރާ ތަރައްގީކޮށް ބައްޓަންކުރުމަށް މަސައްކަތް ކުރާ ފަރާތަކަށް ކަމަށެވެ. އަދި ގައުމުގެ ތަރައްގީ އާ އުސްމިންތަކަކަށް ހާސިލް ވުމަށް ޓަކައި އެކައުންޓިން ޕްރޮފެޝަން ތަރައްގީވެ ކުރިއަރާފައި އޮތުން ވަރަށް މުހިއްމު ކަމަށް ޒިޔަތު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވަސީލަތްތައް މަދުކަމާ އެކު ބޭނުންވާ ހަލުވިމިނުގައި ކުރިއަށްދިއުމަށް ގޮންޖެހުންތަކެއް އެބަހުރި. މިހެންކަމުން މިކަމުގައި އަޅުގަނޑުމެންނާ އެކު ތިޔަ ބޭފުޅުންނަށް ވެސް އަމަލީ ގޮތުން ބައިވެރިވެވިދާނެ. ގުޅިގެން މަސައްކަތް ކުރުމަކީ އަމާޒަށް ވާސިލުވުމަށް އޮތް އެންމެ ރަނގަޅުގޮތް،" ޒިޔަތު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަމާމްގެ ޗެއާޕާސަން އިބްރާހިމް މަހްފޫޒް ވިދާޅުވީ، އަމާމްގެ މަގްސަދަކީ އޭސީސީއޭ މެންބަރުންނަށާއި ދަރިވަރުންނަށް ތަމްރީނު ދިނުމާއި ރާއްޖޭގައި ޕްރޮފެޝަނަލް އެކައުންޓަންޓުން އުފެއްދުމަށް ހިތްވަރު ދިނުމާއި ހަރުދަނާކަމާ އެކު އެކައުންޓަންސީ ޕްރޮފެޝަން ކުރިއެރުވުމަށް މަސައްކަތްކުރުމާއި ބުކްކީޕިންގް އެކައުންޓިންގް، ފައިނޭންސް، ޓެކްސް، އޮޑިޓް، ކޮންސަލްޓަންސީ، ގަވާނަންސް ފަދަ ދާއިރާތަކާ ގުޅުން ހުރި ކަންކަމުގައި އެކި ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު އެ ޖަމިއްޔާ ރަޖިސްޓްރީ ކޮށްފައި ވަނީ 111 ފައުންޑާ މެންބަރުން ނާ އެކުގަ އެވެ. އަދި އެއީ ރާއްޖޭގައި މިހާތަނަށް ރަޖިސްޓަރީކުރި އެކައުންޓަންސީ ދާއިރާއަށް ނިސްބަތްވާ އެންމެ ބޮޑު ޖަމްޢިއްޔާ އެވެ.
އެ ޖަމިއްޔާގެ ވަގުތީ އެގްޒެކެޓިވް ބޯޑު:
ޑރ. އިބްރާހިމް މަހްފޫޒް: ޗެއާޕާސަން
ހަސަން މުހައްމަދު: ވައިސް ޗެއާޕާސަން
ހާމިދު ރިޟާ: ސީއެފްއޯ
ހައްވާ ފަޖުވާ: ވަގުތީ އެސްޖީ
އަބްދުﷲ ހަސަން: ރެޖިސްޓާ
ފަރީހާ ޝަރީފް: މެމްބަރު
އަހުމަދު އަސްލަމް: މެމްބަރު
އައިމަން އިބްރާހިމް: މެމްބަރު
ހައްވާ ނާފިއާ: މެމްބަރު
ހަމްދުﷲ ހުސައިން: މެމްބަރު
އަހުމަދު ސަލާހް: މެމްބަރު
މަރިޔަމް ފައިނާ: މެމްބަރު
މިރޭގެ އެ ރަސްމިއްޔާތު ނިންމާލީ މޭ މަހުގެ ފަސް ވަނަ ދުވަހު އަމާމްގެ އެންމެ ފުރަތަމަ އަހަރީ އާންމު ބާއްވާނެކަން އިއުލާނުކުރުމަށް ފަހުގަ އެވެ.