17 Mar 2018, 23:14
މިހާރު ރާއްޖޭގައި ހިނގަމުންދާ މުޒާހަރާތަކާއި ގުޅިގެން ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓް ބްރޯޑްކާސްޓް ކުރާނަމަ އެއްވެސް އިންޒާރެއް ދިނުމެއް ނެތި ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކަމިޝަނުން ބުނެފިއެވެ.
އެ ކަމިޝަންގެ ނައިބު ރައީސް އިސްމާއިލް ސޮފުވާން މިއަދު ވިދާޅުވީ މިހާރު ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން ގައުމުގެ އަމަން އަމާންކަން ގެއްލޭ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރާކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުންދާކަަަމަށެވެ.
"އެފަދަ ކޮންޓެންޓް ބްރޯޑްކާސްޓު ކުރާނަމަ އިތުރު އިންޒާރެއް ދިނުމެއް ނެތި ފިޔަވަޅު އަޅާނެ،" ސޮފްވާން ވިދާޅުވިއެވެ.
ސޮފްވާން ވިދާޅުވީ ފިޔަވަޅު އެޅުމުގެ ގޮތުން ލައިސަންސް ބާތިލް ކުރަން ޖެހުނަސް އެކަން ކުރުމަށް އެ ކޮމިޝަނުން ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.
ހުރިހާ ބްރޯޑްކާސްޓަރުންވެސް އެކަމަށް ސަމާލުކަންދީގެން ބްރޯޑްކާސްޓް ކުރުމަށް އެ ކޮމިޝަންގެ ނައިބު ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.