17 Mar 2018, 21:42
ކުއްލި ހާލަތުގެ ދަށުން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް އިތުރު 13 ދުވަހަށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މަހްލޫފް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން އާޓިފިޝަލް ބީޗު ސަރަހައްދުގައި މުޒާހަރާ ކުރަމުން ދަނިކޮށް އެމްޑީޕީ ހަރުގޭގައި ހުންނަވަނިކޮށެވެ.
މަހްލޫފް 13 ދުވަހު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމަރުކޮށްފައިވަނީ މިރޭ އެވެ.
މަހްލޫފްގެ މައްޗަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންނާ މާރާމާރީ ހިންގި ކަމުގެ ތުހުމަތުކޮށް އޭނާގެ މައްސަލަ ތަހުގީގުކުރަން ފަށާފައެވެ. ފުލުހުން އެކަމާ ގުޅިގެން ސުވާލު ކުރުމުން ހަނުހުރުމުގެ ހައްގު ބޭނުން ކޮށްފައިވާ ކަމަށް މަހްލޫފްގެ ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.