ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނަސީރާ ގޭގައި ބަންދު ކުރުމަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފިއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަން ވައްޓާލަން ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ނާސިރާ ހައްޔަރުކުރީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެވެ. އޭރު ނާސިރާ ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. ހައްޔަރުކުރުމަށްފަހު އެންމެ ފުރަތަމަ ނާސިރާ ބަހައްޓާފައިވަނީ ދޫނިދޫގައެވެ. ނަމަވެސް މީގެ ދެ ދުވަސް ކުރިން ނާސިރާ ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.

މިރޭ ކްރިމިނަލް ކޯޓުގައި ބޭއްވި މުއްދަތުގެ މަޖިލީހުގައި ނާސިރާ ގޭގައި ބަންދުކުރުމަށް ވަނީ 15 ދުވަސް ޖަހައިދީފައެވެ. މުއްދަތުގެ މަޖިލީހަށްފަހު ނާސިރާގެ ގާނޫނީ ވަކީލުން ވިދާޅުވީ ފުލުހުން އެދިފައިވަނީ ޝަރީއަތް ނިމެންދެން ނާސިރާ ބަންދުގައި ބަހައްޓައިދިނުމަށެވެ. ނަމަވެސް ނާސިރާގެ ޝަރީއަތް ފެށިފައިނުވާ އިރު އޭނާގެ މައްސަލަ ތަހްގީގުކޮށް ނުނިމޭ ކަން ވަކީލުން ފާހަގަކުރެއްވިއެވެ.

ނާސިރާގެ ފިރިކަލުން ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރީ ގައުމަށް ހިޔާނާތްތެރިވުމާއި ރިޝްވަތުހިފުމުގެ އިތުރުން ގާނޫނީ ސަރުކާރު ބަޣާވާތަކުން ވައްޓާލަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައެވެ. އޭނާ އަދިވެސް ހުންނެވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ފުލުހުންގެ ބަންދުގައި ދޫނިދޫގައެވެ.