25 Aug 2011, 12:00
ޗެމްޕިއަންސް ލީގު ފަހު ޖާގަތައް ކަށަވަރު ވެއްޖެއެވެ. ޗެމްޕިއަންސް ލީގު ކޮލިފައިން ބުރުގެ ދެވަނަ ލެގު މެޗްތައް ކުޅެ މުބާރާތުގެ ގްރޫޕު ސްޓޭޖުގެ ޖާގަތައް ކަށަވަރުކޮށްފައިވަނީ އިނގިރޭސި ވިލާތުގެ އާސެނަލް، ފްރާންސްގެ ލިޔޯން، ޕޯޗުގަލްގެ ބެންފީކާ، ބެލާރަސްގެ އެފްސީ ބާޓޭ ބޮރިސޯވް އަދި ޗެކް ރިޕަބްލިކްގެ އެފްސީ ވިކްޓޯރިއާ ޕުލްޒެން އެވެ.
އިޓަލީގެ އުދިނޭސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗް ފަހަތުން އަރާ އާސެނަލްއިން ކާމިޔާބުކުރީ 2-1 ލަނޑުން 3-1(ގެ އެގްރިގޭޓަކުންނެވެ. މި މެޗްގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-0 ލަނޑުން އުދިނޭސީ ކުރި ހޯދައިގެންނެވެ. އުދިނޭސީއަށް މެޗްގެ 39 ވަނަ މިނެޓުގައި ލީޑު ހޯދައިދިނީ އެންޓޯނިއޯ ޑި ނަޓާލީ އެވެ.
މެޗްގެ ދެވަނަ ހާފް ފަށައިގެން ދިހަ މިނެޓް ފަހުން އާސެނަލް ކެޕްޓަން ރޮބިން ވެންޕާސީ ނަތީޖާ ހަމަހަމަކުރިއެވެ. އޭގެ ހަތަރު މިނެޓް ފަހުން އުދިނޭސީގެ ޑި ނަޓާލީ އަށް އަލުން ލީޑް ނެގެން ފުރަސަތު ލިބުނު ނަމަވެސް ވަނީ ބޭކާރުވެފައެވެ. އާސެނަލުގެ ތޯމަސް ވެމަލިން ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅާގައި އަތްލުމާއި ގުޅިގެން އުދިނޭސީއަށް ލިބުނު ޕެނަލްޓީގެ ހުރަހަކަށް ވެގެންދިޔައީ ކީޕަރު ސުޒެސްނީ އެވެ. މެޗްގެ 69 ވަނަ މިނެޓްގައި އާސެނަލްއަށް ލީޑް ނަގައިދިނީ ފުރަތަމަ ލެގުގައިވެސް މެޗްގެ ހަމައެކަނި ލަނޑު ކާމިޔާބުކުރި ތިއޯ ވަލްކޮޓްއެވެ.
ޗެމްޕިއަންސް ލީގަށް ލިޔޯން ކޮލިފައިވީ ރުބިން ކަޒާންއާއި ކުޅުނު ދެވަނަ ލެގު މެޗް 1-1 ލަނޑުން އެއްވަރު ވުމުންނެވެ. މިދެޓީމު ކުޅުނު ފުރަތަމަ ލެގު މެޗު 3-1 ލަނޑުން ލިޔޯން ކާމިޔާބުކުރުމުން އެޓީމު މުބާރާތަށް ދަތުރުކުރީ 4-2 ލަނޑުގެ އެގްރިގޭޓަކުންނެވެ. މެޗްގެ 77 ވަނަ މިނެޓުގައި ރުބިން ކަޒާންގެ ބެބާސް ނާޗޯ ލީޑް ހޯދައިދީފައިވަނިކޮށް އޭގެ ދިހަ މިނެޓްފަހުން ލިޔޯންގެ ބަބާރީ ކޯން ވަނީ 1-1 ލަނޑަށް ނަތީޖާ ހަމަހަމަކޮށްފައެވެ.
ބެންފީކާ ވަނީ ކޮލިފައިންގެ ދެވަނަ ލެގުގައިވެސް ފަސޭހަކަމާއެކު ހޮލެންޑްގެ ޓުވެންޓޭގެ މައްޗަށް 3-1 ލަނޑުން ކުރި ހޯދާފައެވެ. މެޗްގެ ފަހު ހާފްގައި ލަނޑުތައް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ތިން ލަނޑު ޖަހާ ލީޑް ހޯދަފައިވަނީ ބެންފީކާއިންނެވެ. މެޗްގެ 46 ވަނަ މިނެޓްގައި އަޒެލް ވިޓްސެލް ބެންފީކާއަށް ލީޑް ނަގައިދިނެވެ. މެޗްގެ 59 ވަނަ މިނެޓްގައި ލުއިސާއޯ ބެންފީކާގެ ދެވަނަ ލަނޑު ޖެހިއިރު ފަހުލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ވިޓްސެލްއެވެ. މެޗްގައި ޓުވެންޓޭއިން ޖެހި ހަމައެކަނި ލަނޑު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ބްރަޔަސް ރުއިޒްއެވެ. ޗެމްޕިއަންސް ލީގަށް ބެންފީކާ ދަތުރުކުރީ 5-3 ގެ އެގްރިގޭޓަކުންނެވެ.
ޗެމްޕިއަންސް ލީގު ކޮލިފައިންގެ ދެވަނަ ލެގުގައި ދެން ކުޅުނު މެޗްތަކަށް ބަލައިލާއިރު ސްޓާމް ގްރޭޒް ގެ މައްޗަށް 2-0 ލަނޑުން ކުރި ހޯދައި މުބާރަތަށް ކޮލިފައިވިއިރު އެފްސީ ވިކްޓޯރިއާ ޕުލްޒެން ކޮލިފައިވީ 2-1 ލަނޑުން ޑެންމާކުގެ ކޯޕަންހޭގަންގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ޗެމްޕިއަންސް ލީގު ކޮލިފައިން ބުރުގެ ހުރިހާ މެޗެއް ކުޅެ މުބާރަތަށް ޖާގަ ލިބުނު ޓީމުތައް މިވަނީ ކަށަވަރުވެފައެވެ. މުބާރަތަށް ކޮލިފައިވެފައިވާ ދިހަ ޓީމަށް ވެފައިވަނީ ޖަރުމަންގެ ބެޔާން މިއުނިކް، ސްޕެއިންގެ ވިލަރެއަލް، ސައިޕްރަސްގެ އެޕޯލް ނިކޯސިއާ، ކްރޮއޭޝިޔާގެ ޑައިނަމޯ ޒަގްރެބް، ބެލްޖިއަމްގެ ރޭސިންގް ގެންކް، އިނގިރޭސި ވިލާތުގެ އާސެނަލް، ފްރާންސްގެ ލިޔޯން، ޕޯޗުގަލްގެ ބެންފީކާ، ބެލާރަސްގެ އެފްސީ ބާޓޭ ބޮރިސޯވް އަދި ޗެކް ރިޕަބްލިކްގެ އެފްސީ ވިކްޓޯރިއާ ޕުލްޒެން އެވެ.