ދ. ހުޅުދެލީ ފަޅުތެރެއިން ދެ ދުވަހުގެ މަތިން 20،000 އަށްވުރެ ގިނަ ރާގޮނޑި ހިފައިފިއެވެ.

ހުޅުދެލީ އިރުމަތި ފަރާތު ފަޅުތެރެއަށް ރާގޮނޑި އައިނެއް ވަދެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އިއްޔެ އެ ރަށުގެ ކުދިބޮޑު އެންމެން ނުކުމެ ވަނީ 1700 އެއްހާ ރާގޮނޑި ހިފައިފިއެވެ.

ހުޅުދެލި ކައުންސިލްގެ ރައީސް އިސްމާއިލް ނިޒާމް މިރޭ "ސަން"އަށް ވިދާޅުވީ ހުޅުދެލި ފަޅުތެރެއިން އިއްޔެއާއި މިއަދުވެސް ރާގޮނޑި ހިފާފައިވާ ކަމަށާއި، މިއަދު 18500 ރާގޮނޑި ހިފާފައިވާ ކަމަށެވެ.

"ރާގޮނޑި ހިފާފައިވަނީ ވަށައިގެން ވާ އަޅައިގެން. ވަލުގެ ތެރެއިން ރާގޮނޑިތައް ނަގަން ބޭނުންކުރީ އެންވެރިކަމަށް ބޭނުންކުރާ ދަލެއް. މިއަދު ހެނދުނު ރައްޔިތުން ނުކުމެ 18500 ރާގޮނޑި ވަނީ ނަގާފައި،" ނިޒާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފަޅުތެރެއިން މިއަދާއި އިއްޔެ ނެގި ރާގޮނޑިތަައް ހަމަހަމައަށް ހުރިހާ ގެއަކަށް ބަހާފައިވާ ކަަމަށާއި، ކޮންމެ ގެއަކަށްވެސް ގިނަ އަދަދެއްގެ ރާގޮނޑި ލިބިފައިވާ ކަމަށެވެ.

"ކައުންސިލުން ގޮވާލުމުން ރަށުގެ ކޮންމެ ގެއަކުންވެސް މީހުން ވަނީ ރާގޮނޑި ހިފުމަށް އައިސް. އެންމެންވެސް ގުޅިގެން އެކަން ކުރިއަށް ގެންދަނީ،" ނިޒާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ ކުރިންވެސް މިގޮތަށް ރާގޮނޑި ބައިގަނޑުތައް ފަޅުތެެރެއަށް ވަންނަ ކަމަށެވެ. ނަމަވެސް ފަހުގެ ތާރީހެއްގައި މިހާ ބައިވަރު ރާގޮނޑި ފަޅުތެރެއަށް ވަން މިއީ ފުރަތަމަ ފަހަރު ކަމަށެވެ.