ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް އަދި ޕްރޮގްރާމް ހެޑް އާމިރު ސަލީމްގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ސަންއަށް މައުލޫމާތު ލިބުނު ގޮތުގައި އެ ދެމީހުންގެ ބަންދަށް 10 ދުވަސް ޖަހާފައިވަނީ ބަންދާ ބެހޭގޮތުން ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށްފަހުގައެވެ.

ވިސާމާއި އާމިރުގެ ވަކީލް ވިދާޅުވި ގޮތުގައި އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ސަރުކާރު ވައްޓާލާނެ ކަމަށް އިންޒާރުދީ ފުލުހުންގެ ޔުނީފޯމު އަޅައިގެން ތިބި ބަޔަކުގެ ވީޑިއޯއެއް އާންމުކުރި މައްސަލައިގައެވެ.

ވީޑިއޯތަކުގެ މައްސަލާގައި ތިން މީހަކު ހައްޔަރުކުރިކަން ފުލުހުން އާންމުކޮށްފައިވާ އިރު، އެ ދެމީހުންގެ އިތުރުން ތިންވަނަ މީހާއަކީ ކާކު ކަމެއް ސާފެއް ނުވެއެވެ.

ވިސާމާއި އާމިރުގެ ވަކީލު ވިދާޅުވީ އެ ދެމީހުންގެ މައްޗަށް ތުހުމަތުކުރަނީ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އެ މާއްދާގައި ބަޔާންކުރާ ކުށްތަކަކީ ސައްހަ ލިޔުމަށް ބަދަލު ގެނައުމާއި އެ ހަދާ ލިޔުން ނަކަލު ކުރުމާއި އަގުހުރި އެއްޗެހި ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމެވެ.

އެ މާއްދާގައި ބުނާ ކުށެއް ސާބިތުވެއްޖެ ނަމަ ދެވެނޭ އެންމެ ބޮޑު އަދަބަކީ ދެ އަހަރަށް ޖަލަށްލުމެވެ. އަދި އަސާސީ މިންގަނޑުން އަދަބު ކަނޑައަޅާ ނަމަ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލެވޭނެއެވެ.

ވިސާމާއި އާމިރުގެ އިތުރުން ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީނު ވެސް ފުލުހުން ރޭ ހައްޔަރު ކުރިއެވެ. ވަކީލު ވިދާޅުވީ ފަޒީނު ހައްޔަރުކުރީ ސަރުކާރު ވައްޓާލަން އެއްވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށެވެ.

ރާއްޖެ ޓީވީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ސްޓޭޝަނުގެ ތިން ނޫސްވެރިންގެ މައްޗަށް ވެސް ކުރަނީ އަސްލެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި ރާއްޖެ ޓީވީ ބަދުނާމުކޮށް ވާހަކަދައްކަމުން ދަނީ އެ ސްޓޭޝަނަށް އޮންނަ ލޯބި ފެނި ހަސަދަވެރި ވެގެން ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެ ޓީވީއަށް ތުހުމަތުކޮށް ވާހަތަކެއް ދައްކާފައިވާތީ އެ ސްޓޭޝަނުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.