17 Mar 2018, 18:04
އަންނަ މަހު ސިންގަޕޫރުގައި ފަށާ ސަރަހައްދީ ޕޭސްޓްރީ ކަޕްގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ފަރާތުން ވާދަކުރުމަށް ތިން ޝެފަކު ތައްޔާރުވެއްޖެއެވެ.
ސިންގަޕޫރުގައި އަންނަ މަހުގެ 25ގައި ފަށާ ފުޑް އެންޑް ހޮޓެލް އޭޝިއާ މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނީ ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގެ ޝެފް އާމިނަތު ހަމީދާއި، ސޮނެވާ ފުށީގެ ޝެފް އިބްރާހިމް ފަރީދުގެ އިތުރުން ހުޅުލެ އައިލަންޑް ހޮޓެލްގެ ޝެފް އިންދްރަ ކުމާރް ލިމްބޫއެވެ.
މި ތިން ބައިވެރިންގެ ދަތުރު ސްޕޮންސާކުރަނީ ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އާއި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސް (އެމްއީސީއެސް) އިންނެވެ.
ޕޭސްޓްރީ ކަޕް އޭޝިއާ އަކީ ސަރަހައްދުގެ ހުރިހާ ގައުމަކުން ގިނަ އަދަދެއްގެ ޝެފުން ބައިވެރިވެގެން އެގްޒިބިޝަނަކާވެސް އެކު ކުރިއަށްގެންދާ މުބާރާތެކެވެ. އަދި އެ މުބާރާތުގައި މާކްސް ދިނުމުގައި ކެއްކުމުގެ ހުނަރުގެ އިތުރުން ޑިޒައިން ކުރުމާއި އެތުރުމުގެ ވައްޓަފާޅިއާއި ބާވަތް ހުށަހަޅައިދިނުމުގެ ވައްޓަފާޅިއަށް ބަލައި މާކްސް ދޭނެއެވެ.
ބީބީއެމުން ބުނީ ފުރަތަމަ ފަހަރަށް ރާއްޖެއިން މިފަދަ ސަރަހައްދީ މުބާރާތެއްގައި ބައިވެރިވާއިރު އެންމެ ބޮޑު އަމާޒަކީ މުބާރާތުގައި ވަރަށް ފުރިހަމައަށް ރާއްޖެ ތަމްސީލުކޮށް ޝަރަފުވެރި މަގާމެއް ހޯދުން ކަމަށެވެ. ތިން ޝެފުންވެސް އެކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށްވެސް ބީބީއެމުން ބުންޏެވެ.
"މިފަދަ ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި މަސައްކަތްކުރުމުގެ ޗާންސް ލިބުމަކީ ރަނުގެ ފުރުސަތެއް. ވީމާ އުންމީދުކުރަނީ ރާއްޖެއަށް ފަހުރުވެރި ވަނައެއް ހޯދައި މިކަމުން ވަރަށް ގިނަ ހުނަރު އިތުރަށް ދަސްކުރުމަށް. މުބާރާތުގައި ބައިވެރިވުމަށް ބީބީއެމްއާއި އެމްއީސީއެސްއިން ދޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރަން،" ޝެފް އާމިނަތު ހަމީދު ވިދާޅުވިއެވެ.
އޭޝިއަން ޕޭސްޓްރީ ކަޕަކީ ދުނިޔޭގެ އެންމެ ބޮޑު ޕޭސްޓްރީ މުބާރާތް ކަމަށްވާ ވޯލްޑް ޕޭސްޓްރީ ކަޕްއާ ވަރަށް އެއްގޮތް ކޮންސެޕްޓަކަށް ކުރިއަށްގެންދާ މުބާރާތެކެވެ. އަދި މިއީ ޕޭސްޓްރީ ޝެފުން އެންމެ އިންތިޒާރުކުރާ އެއް މުބާރާތްވެސް މެއެވެ.
"އަޅުގަނޑުމެންގެ އަޒުމަކީ މުބާރާތުގައި ބައިވެރިވެ ރާއްޖެއަށް ޝަރަފެއް ހޯދައިދިނުން،" ޝެފް އިބްރާހިމް ފަރީދް ވިދާޅުވިއެވެ.
ރާއްޖެއަށް އުފަން ނުވި ނަމަވެސް މަސައްކަތްކުރާ ގައުމަށް ރީތި ނަމެއް ހޯދައިދިނުމަށް ޝެޕް އިންދްރާ އުންމީދުކުރައްވައެވެ. އޭނާ ވިދާޅުވީ ޕޭސްޓްރީ ކަޕް އޭޝިއާ އަކީ ދުނިޔޭގެ ފެންވަރުގެ ޝެފަކަށް ވުމަށް އޭނާ ކުރާ އުންމީދުގައި ކުލަޖައްސައިދޭނެ މުބާރާތެއް ކަމަށެވެ.
އެ މުބާރާތުގައި ބައިވެރިވާ ޝެފުން މުބާރާތަށް މިހާރު ތައްޔާރުވަމުންދާއިރު ޝެފުންގެ ހުރިހާ ހަރަދެއް ހަމަޖައްސާނީ ބީބީއެމްއާއި އެމްއީސީއެސް އިންނެވެ. މި ދެ ކުންފުންޏަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑެތި ކަލިނަރީ މުބާރާތްތައް އިންތިޒާމްކުރުމުގައި މީގެ ކުރިންވެސް އިސް ދައުރެއް އަދާކޮށްފައިވާ ދެ ކުންފުންޏެކެވެ.