17 Mar 2018, 17:05
ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިސާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އަދި ނޫޅޭ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ޕީޖީ ބިސާމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ސަރުކާރު ނިސްބަތްވާ ޕީޕީއެމުން މަޖިލީހަށް ވައްދަން މަސައްކަތްކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ.
އެކަމަށް ރައްދު ދެއްވައި ނިހާން ވިދާޅުވީ ބިސާމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވައްދަން އަދި އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ހިސާބަކުން އަދިއެއް ރާއްޖޭގެ ޕްރޮސެކިއުޓަ ޖެނެރަލް ބިސާމްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ވައްދާކަށް އެއްވެސް ވާހަކައެއް އެއްވެސް ތާކު ނުދެކެވޭ. އެކަން އަޅުގަނޑު ކަށަވަރުކޮށްދެން" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ މަޖިލީހުގެ އެއްވެސް ކަމެއް އެމްޑީއޭ ޕީޕީއެމް ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕުން ގުޅިގެން ނޫން ގޮތަކަށް ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.
ބިސާމްގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅޭ ވާހަކަތައް އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދަނީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރަން މަޖިލީހުން ނިންމި ނިންމުން ސައްހަ ކަމާމެދު އެކަމަނާ ސުވާލު އުފައްދާފައިވާ ދަނޑިވަޅެއްގަ އެވެ.