25 Aug 2011, 11:54
މެންޗެސްޓާ ސިޓީއިން މި ސީޒަނަށް ހޯދަން މަސައްކަތްކުރަމުންދިޔަ އާސެނަލުގެ ފްރާންސް މިޑްފީލްޑަރު ސާމިރް ނަސްރީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ސިޓީއަށް ސޮއިކޮށްފި އެވެ.
ނަސްރީ އަށް މެންސިޓީއިން 24 މިލިޔަން ޕައުންޑް ދޭން އެއްބަސްވެފައިވާކަމަށް ބެލެވޭއިރު އަންނަ އާދީއްތަ ދުވަހު ޓޮޓެންހަމްއާ ސިޓީ ބައްދަލުކުރާ މެޗްގައި ނަސްރީ ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އާސެނަލަށް އަށް ނަންބަރު ޖާޒީގައި ފެނުނު ނަމަވެސް މެންސިޓީއަށް ނަސްރީ ކުޅޭނީ ނަވާރަ ނަންބަރު ޖާޒީގައި ކަމަށް ސިޓީން ވަނީ އިއުލާން ކޮށްފަ އެވެ.
ނަސްރީއަކީ އާސެނަލްއިން މެންސިޓީއަށް މިސީޒަންގައި ބަދަލުވި ފުރަތަމަ ކުޅުންތެރިޔާ އެވެ. އާސެނަލްއިން މިދިޔަ ސީޒަނުގައި ފެނުނު ޑިފެންޑަރު ގާއެލް ކްލިޗީ މެންސިޓީއާއި ގުޅުނީ މިދިޔަ މަހު އެވެ. ނަސްރީއާއި ކްލިޗީގެ އިތުރުން ސާޖިއޯ އަގުއެރޯ، ސްޓެފަން ސަވިޗް އަދި ކޮސްޓެލް ޕެންޓިލިމަން ވެސް މިސީޒަނުގައި މެންސިޓީއާއި ގުޅިފައި ވެއެވެ.
އާސެނަލްއިން މިސީޒަނުގައި ވަކިވި ދެ މިޑްފީލްޑަރުން ކަމަށްވާ ފެބްރިގާސްއާއި ނަސްރީ ވިއްކާލުމުން ލިބުނު ފައިސާއިން މިޑްފީލްޑަރުން ހޯދެން އޮތްނަމަވެސް އެ ކުލަބާއި އަލަށް ގުޅުނު އެލެކްސް އޮކްސްލޭންޑް ޗެމްބާލެން އަށާއި ޖާވީނިއޯއަށް އެ މަގާމުތައް ފޫބެއްދޭނެކަމަށް ކޯޗް ވެންގާ ގަބޫލުކުރެއެވެ.
އާސެނަލްއަށް 2008 ވަނަ އަހަރު ފްރާންސްގެ މާސޭލް އިން 15.8 މިލިޔަން ޕައުންޑަށް ބަދަލުވި ނަސްރީ އެކުލަބާއި އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއްއަހަރު އޮތުމުން އާ ކޮންޓްރެކްޓެއް އާސެނަލުން ހުށަހެޅި އެވެ. ހަފްތާއެއްގެ މައްޗަށް 90،000 ޕައުންޑު ލިބޭ ގޮތަށް އާސެނަލްއިން ހުށަހެޅި ނަމަވެސް އޭނާ ސިޓީއަށް ބަދަލުވީ އެހުށަހެޅުން ގަބޫލުނުކޮށެވެ.