17 Mar 2018, 13:37
ކުޑަކުދިންނަށް ހާއްސަ އިންޓަވިއު ރޫމް (ޗައިލްޑް ފްރެންޑްލީ އިންޓަރވިއު ރޫމް)ތަކެއް ފ. ނިލަންދޫ އާއި ދ. ކުޑަހުވަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަވިސް ސެންޓަރު (އެފްސީއެސްސީ)ތަކުގައި ގާއިމުކޮށްފި އެވެ.
އެ ދެ ރަށުގައި ގާއިމުކުރި އިންޓަވިއު ރޫމް ހުޅުވައިދެއްވީ މިނިސްޓަރ ުއޮފް ސްޓޭޓް ފޮ ޖެންޑާ އެންޑް ފެމިލީ ޑރ. މަރިޔަމް ޖަބީނެވެ.
ޖެންޑާ މިނިސްޓްރީ އިން ބުނީ އިންޓަވިއު ރޫމްތައް އަތޮޅު ތެރޭ ރަށްތަކުގައި ގާއިމު ކުރުމުގެ އެންމެ ބޮޑު މަގްސަދަކީ ހާނީއްކަ އާއި އިހުމާލު އަދި އަނިޔާގެ ޝިކާރައަށް ވެފައިވާ ކުދިންނާ މުއާމަލާތް ކުރުމަށް އެކަށީގެންވާ މާހައުލެއް ގާއިމުކޮށްދީ، ކުޑަކުދިންނާ ގުޅުންހުރި ތަހުގީގުތައް ހަރުދަނާކުރުމަށް ކަމަށެވެ.
ކުދިންގެ އުމުރުފުރާތަކަށް ހާއްސަކޮށްގެން ގާއިމުކުރާ އެ ފަދަ ވަސީލަތްތަކުގެ ސަބަބުން ތަހުގީގުގެ މަރުޙަލާގައި ކުޑަކުދިންނަށް ކުރިމަތިވާ ނުތަނަވަސްކަން ކުޑަކުރުމަކީ ވެސް އެއް މަގްސަދު ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.
އެ ދެ އިންޓަވިއު ރޫމް އަކީ ޔުނިސެފް މޯލްޑިވްސް އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އެހީތެރިކަމާ އެކު މިނިސްޓްރީ އޮފް ޖެންޑަ އެންޑް ފެމިލީން ގާއިމުކުރި އިންޓަވިއު ރޫމްތަކެކެވެ.