ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އިރްފާން ޚާން އަށް، މީގެ ހަފުތާއެއްހާ ދުވަސް ކުރިން ގޮތް ނޭނގޭ ބައްޔެއް ޖެހި، އޭނާ ވަނީ މަސައްކަތާ ދުރުވެފަ އެވެ.

ހަފްތާ އެއް ދުވަސް ފަހުން އިރްފާން ވަނީ އޭނާ މިހާރު ފަރުވާ ހޯދަމުންދާ ބަލި އޭނާގެ ފޭނުންނަށް ޓުވިޓާ މެދުވެރިކޮށް ހިއްސާ ކޮށްފަ އެވެ.

އިރްފާން ކުރި ޓުވީޓްގައި ބުނީ އޭނާ އަށް ނިއުރޯއެންޑޮކްރައިން ޓިއުމާ (ނެޓްސް) ޖެހިފައިވާ ކަމަށާއި އެއީ ބަނޑަށް ޖެހޭ ކެންސަރުގެ ބާވަތެއް ކަމަށެވެ.

އޭނާ ބުނީ ފަރުވާ ހޯދުމަށް ބޭރުގެ އެހެން ގައުމަކަށް މިހާރު ދާން ޖެހިފައިވާ ކަމަށާއި ބޭނުން ވަނީ އާންމުންގެ ހެޔޮ ދުއާ ކަމަށެވެ.

"އުންމީދު ކުރަން ހުރިހާ އެންމެން ވެސް އަހަރެންނަށް ހެޔޮ ދުއާ ކުރާނެ ކަމަށް. ބޭނުން ވަނީ އާންމުންގެ ހެޔޮ ދުއާ،" އޭނާ ބުނެފައިވެ އެވެ.

އިރްފާންގެ ބައްޔާ ގުޅިގެން އޭނާގެ ކުރިއަށް ހުރި ފިލްމުތައް ވަނީ ދާދި ފަހުން ފަސް ވެސް ކޮށްފަ އެވެ. އިރްފާން ބަލިވެފައި މިވަނީ ދީޕިކާ ޕަދުކޯން އާ އެކު ވިޝާލް ބަރްދްވާޖްގެ ފިލްމުގެ ޝޫޓިން ފެށުމަށް ތައްޔާރުވެފައި ވަނިކޮށެވެ.

އޭނާ ވަނީ ބޮލީވުޑްގައި ގިނަ މަސައްކަތްތަކެއްކޮށް ކާމިޔާބު ފިލްމުތަކެއް ވެސް ބެލުންތެރިންނަށް ގެނެސްދީފަ އެވެ.

މައުލޫމާތު: ޓައިމްސް އޮފް އިންޑިއާ