17 Mar 2018, 09:47
ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް ފްރެންޗައިޒް ރިއަލިޓީ ޝޯ، މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަންގެ ގާލާ ރައުންޑުގެ ހުށަހެޅުންތަކެއް ރޭ ބައިވެރިން ހުށަހަޅައިދީފިއެވެ.
ގަދަ 12 ބައިވެރިންނާ އެކީ ރޭ އައިޑަލްގެ ގާލާ ރައުންޑް ފެށުމާއެކު ބައިވެރިންގެ މެދުގައި އޮތް ވާދަވެރިކަން ވެސް ވަނީ އިތުރުވެފައެވެ.
"އަބަދަށް ފެހި ލަވަތައް" އެ ތީމްގެެ ދަށުން ބައިވެރިން ހުށަހަޅާފައިވަނީ އެ ބައިވެރިއަކަށް އެންމެ ކަމުދާ ލަވައެވެ. ޖަޖުންގެ ފަރާތުން ޕޮސިޓިވް ކޮމެންޓްސް އާއި ނެގަޓިވް ކޮމަންޓްސް ފެނިގެންދިޔައިރު ރޭގެ ޝޯ ފެއްޓީ ޖަޖު ޒާރާ މުޖުތަބާގެ ހިތްގައިމު ލަވަ އަކުންނެވެ.
ރަނގަޅު ކުރަންވީ ކަންތައްތައް ޖަޖުން ބައިވެރިންނަށް ކިޔާދީފައިވެއެވެ. ރޭ ހުށަހެޅުންތައް ފެނިގެން ދިޔަ އަށް ބައިވެރިންނަށް ވޯޓު ލުން މިއަދުގެ 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ.
ރޭ ލަވަތައް ހުށަހެޅި ބައިވެރިންގެ ތެރެއިން ޖަޖުން އެންމެ ގަޔާވި ގޮތަށް ލަވަ ހުށަހެޅީ ޝަހުދާން، އަޒަލް، ޝަމީލް އަދި ނައުޝާދެވެ.
ކުރީ ދެ ސީޒަނާ ހިލާފަށް އައިޑަލްގެ ސެޓަށް ވަނީ ހިތްގައިމު ބޮޑު ބަދަލުތަކެއް ގެނެސްފައެވެ.
ގާލާ ރައުންޑުގެ ކުރިއަށް އޮތް ބުރަށް ދަތުރުކުރާނެ ބައިވެރިން މިރޭ އޮންނަ އެލިމިނޭޝަން ޝޯ އިން އެނގިގެންދާނެއެވެ.
އައިޑަލް ޝޯއިން މިރޭ ވަކިވެގެން ދާނީ ޖަޖުންގެ 50 އިންސައްތަ މާކުސް އަދި ބެލުންތެރިންގެ 50 އިންސައްތަ ވޯޓު އެއްކޮށްލުމާއެކު، އެންމެ ދަށުން މާކުސް ލިބޭ ބައިވެރިންނެވެ.