ފުލުހުންގެ ޔުނީފޯމްގައި ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކާ ވީޑިއޯއެއް ޔޫޓިއުބުގައި އާންމުކުރި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ހައްޔަރުކޮށްފައި ތިބީ ކޮންބައެއް ކަމަށްވެސް ފުލުހުން ނުބުނެއެވެ.

ފުލުހުންގެ ޔުނީފޯމްގައި ތިބި ބަޔަކު ސަރުކާރާ ދެކޮޅަށް ވާހަކަދައްކާ ދެ ވީޑިއޯއެއް ޔޫޓިއުބުގައި ވަނީ އާންމުކޮށްފައެވެ. ފުރަތަމަ ވީޑިއޯ އާންމުކުރީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ވީޑިއޯ އިން ފެންނަނީ އެސްއޯ ފުލުހުންގެ ޔުނީފޯމްގައި ތިބި ތިން މީހަކު ސަރުކާރާ ދެކޮޅަށް ވާހަކަދައްކާ މަންޒަރެވެ.

އެއަށްފަހު ބުރާސްފަތި ދުވަހުގެ ރޭ ޔޫޓިއުބުގައި އާންމުކުރި ވީޑިއޯ އިން ފެންނަނީ ފުލުހުންގެ އާންމު ޔުނީފޯމްގައި ހަރަކާތްތެރިވާ ބައެކެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އެ ވީޑިއޯތަކުން ފެންނަނީ ފުލުހުންކަން ޔަގީންނުވާ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާވަރަކުން އެކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.