17 Mar 2018, 00:00
މިއަދު ކުޅުނު އަވޭ މެޗުން ބަލިވި ނަމަވެސް އެގްރިގޭޓް ނަތީޖާއިން ކުރި ހޯދާ، ޅ. އަތޮޅުގެ ޗެމްޕިއަންކަން ނައިފަރުން ހޯދައިފިއެވެ.
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި ޅ. އަތޮޅުން ބައިވެރިވެފައިވަނީ ދެ ޓީމެވެ. އެއީ ނައިފަރާއި ހިންނަވަރެވެ. އެ އަތޮޅު ބުރުގައި ކުޅެފައިވަނީ ހޯމް އަދި އަވޭ މެޗެކެވެ.
ނައިފަރު ދަނޑުގައި ކުޅުނު މެޗުގައި އެޓީމުން ހިންނަވަރުގެ މައްޗަށް 3-0ގެ ނަތީޖާއަކުން ކުރި ހޯދައިފައިވާ އިރު، މިއަދު ހިންވަރުގައި ކުޅުނު މެޗު، ހިންނަވަރުން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.
މެޗުގެ 31 ވަނަ މިނެޓުގައި ހިންނަވަރުގެ ގޯލް، އެޓީމަށް ކާމިޔާބުކޮށްފައިވަނީ ވިޖާޒު އީސާފުޅެވެ.
ޅ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައި ނައިފަރުން ވަނީ ޒޯން ތިނެއްގެ ޒޯން ބުރަށް ކޮލިފައިވެފައެވެ. ޒޯން ތިނެއްގައި ވާދަކުރާނީ ޅ. އަތޮޅު ޗެމްޕިއަން ނައިފަރާއި ބ. އަތޮޅު ފެހެންދޫގެ އިތުރުން ރ. އަތޮޅުގެ ޗެމްޕިއަނުންނެވެ. ރ. އަތޮޅުގެ ޗެމްޕިއަން ޓީމު ކަށަވަރުވާނީ މިމަހުގެ 22 ވަނަ ދުވަހު ކުޅޭ އަތޮޅު ބުރުގެ ފައިނަލް މެޗަށްފަހުއެވެ.