16 Mar 2018, 22:56
މާލޭގައި މިހާރު ކުރިއަށްދާ މުޒާހަރާތަކަކީ ޣައިރުޤާނޫނީ މުޒާހަރާތަކެއް ކަމަށާއި އެކަންކަން ކުރިއަށް ގެންދަނީ ލާދީނީ ފިކުރުގެ މީހުންގެ އެހީތެރިކަމާއިއެކު ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ހޯމް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި އެ މިނިސްޓްރީން ބުނެފައިވަނީ ޣައިރުޤާނޫނީ އެއްވުންތަކުގައި ބައިވެރިނުވުމަށް އެދޭ ކަމަށާއި އެ އެއްވުންތައް ކުރިއަށް ގެންދަނީ އިސްލާމްދީނާއި ގައުމުގެ ތަރައްގީއަށް ނަފުރަތު ކުރާ ބައެއް ކަމަށެވެ.
ހޯމް މިނިސްޓްރީން ބުނީ ޔޫރަޕިއަން ޔޫނިއަންއިން އިއްޔެ ނެރުނު ގާރަރަކީ ދިވެހި ސަރުކާރުން ބަލައިގަންނަ ގަރާރެއް ނޫން ކަމަށާއި އެ ގާރަރަކީ ދިވެހިންގެ އެއްބައިވަންތަ ކަމަށް ހުރަސް އަޅާ ގަރާރެއް ކަމަށެވެ. އަދި އިސްލާމްދީނާއި ހިލާފް އެއްވެސް ގަރާރެއް ދިވެހި ސަރުކާރުން ބަލައި ނުގަންނާނެ ކަމަށެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން އެބައޮތް ކަމަށާއި ގާނޫނުގެ ތެރެއިން އެ ހައްގު ހުރިހާ ފަރާތަކަށްވެސް ލިބެމުންދާ ކަމަށެވެ.
ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އަމަންއަމާން ކަމާއި ގާނޫނީ ވެރިކަން އަދި ގައުމުގެ އިސްތިގުލާލު ހިމާޔާތް ކުރުމުގައި ފުލުހުންނާއި ސިފައިން ތިބޭނެ ކަމަށެވެ. އަދި ގައުމު ހަލަބޮލި ކުރުމުގެ ފުރުޞަތު ނުދޭނެ ކަމަށެވެ.