25 Aug 2011, 11:17
މުޙައްމަދުއްރަސޫލުﷲ ސިލްސިލާއަކީ ކޮންމެ ރޯދަމަހެއްގައި ވެސް ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އެންމެ ބަލަން ޝައުގުވެރިވާ ސިލްސިލާއެވެ. މި ސިލްސިލާ ކުޅެފައިވަނީ މިޞްރުގެ ލިޔުންތެރިއެއް ކަމުގައިވާ ޢަބްދުލްޙަމީދު ޖައުދަތުއްސައްޙާރު )ފޮޓޯގައި( ލިޔުއްވާފައިވާ ސީރަތުގެ ވާހަކައެއްގެ މައްޗަށެވެ. އެހެން ކަމުން އެހެން ސިލްސިލާތަކާ މި ސިލްސިލާއާ ވަރަށް ތަފާތެވެ. މި ސިލްސިލާގެ ވާހަކަ ލިޔުނު ގޮތް ތަފާތެވެ. މި ސިލްސިލާގެ މަގުސަދު ތަފާތެވެ. މި ސިލްސިލާގެ ވާހަކަ ލިޔެފައިވަނީ މީހަކު، އާދައިގެ ފިލްމީ ސިލްސިލާއަކަށް ވާހަކައެއް ލިޔާ ބީދައަކުން ނޫނެވެ. މި ސިލްސިލާގެ މަގުސަދަކީ ތާރީހު ފޮތްތަކުންނާއި ސީރަތު ފޮތްތަކުން، ކުރީ ޒަމާނުގެ ވާހަކަތަކާއި ހަބަރުތައް ކިއުމުން އެ މަންޒަރުތައް ހިތަށް ތަސައްވަރުކޮށް، ތިމާގެ ބުއްދީގެ އިސްކިރީނުން ބަލާލުމުގައި ދިމާވާ ދަތިތައް ނައްތާލައި، ގަދީމީ ޒަމާނަށް ތިމާގެ ނަފްސާއި ރޫހާ އެކު ދަތުރުކޮށް، އެ ޒަމާންތަކުގައި ހިނގި ހާދިސާތަކުގެ ސުހުބަތުގައިވުމުގެ ރޫހީ އުފާ ހޯދައިދިނުމެވެ. ތިމާމެންގެ ތާރީހާއި ކާބަފައިންގެ އުޅުން ފެނުމުގެ ނަސީބު ލިބިފައި ނެތުމުގެ މާޔޫސްކަމުން ދުރުކޮށް، ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ހިތަށް ހޯދައިދިނުމެވެ.
މި ސިލްސިލާ ކުޅެފައިވަނީ މީގެ އެތައް އަހަރެއް ކުރީންކަމުން، މަންޒަރުތައް ކުޅުމުގައި މިހާރާ ތަފާތު ގޮތްތަކެއް ހުންނާނެކަން ގަބޫލުކުރަން ޖެހެއެވެ. މިހާރުގެ ވަސީލަތްތައް ބޭނުންކޮށްގެން، މަންޒަރުތައް މާ ސާފުކޮށް، މާ ބޮޑަށް ހަގީގަތް ދައްކުވައިދޭ ގޮތަށް ތަމްސީލުކުރެވިދާނެއެވެ. ޓީވީގެ އިސްކިރީނުން މި ސިލްސިލާ ބަލައިގެން ސީރަތާއި ތާރީހު އުނގެނުމާއި، ޓީވީން އިލްމުވެރިއަކު ތާރީހު ކިޔައިދެއްވާތަން ބަލަން އިނދެގެން ތާރީހު އުނގެނުމާ ދެމެދު ހުރި ތަފާތަކީ ކޮބައިހެއްޔެވެ؟ ފަހުން މި ބުނިގޮތަށް ވުރެ ކުރީން މި ބުނިގޮތުން މަންޒަރުތައް ހިތަށް ނެގޭލެއް ފަސޭހަވާނެއެވެ. އެހެންކަމުން މުޙައްމަދުއްރަސޫލުﷲ ސިލްސިލާ ވެފައިވަނީ، ޔުނިވަރސިޓީއަކަށް ނުގޮސް، އަދި ދިރާސާކުރުމުގެ އިލްމީ އުސޫލުތައް ނޭނގި، ސީރަތާއި ތާރީހުގެ ފުން ދިރާސާއެއް ކުރުމުން ލިބޭ މައުލޫމާތު ފަސޭހައިން ލިބޭނެ ގޮތް މަގު ފަހިކޮށްދިން ސިލްސިލާއަކަށެވެ. ދުނިޔޭގެ މަސައްކަތުގައި މީހުން ހޭދަކުރަން ޖެހޭ ވަގުތު ގިނަވެ، ސީރަތު ފަދަ މުސްތަޙައްބު އިލްމުތައް ހޯދުމަށް ހޭދަކުރަން ލިބޭ ވަގުތުކޮޅު މަދުވެފައި ވަނިކޮށް، ނަބީ ބޭކަލުންގެ ސީރަތުގެ އާލިމަކަށް ވުމުގެ ފުރުސަތު ތަނަވަސްކޮށްދިން ސިލްސިލާއަކަށެވެ. ބުދުތަކަށް އަޅުކަން ކުރާ މީހުންގެ ވިސްނުން ކޮށިކަމާއި، އެ ފަދަ މީހުން ދައްކާ ވާހަކަތަކަށް، ބުއްދީގެ ދަލީލުތަކުން ރައްދު ދޭނެ ގޮތް އެނގި، އިލްމުގެ އާލަމަށް ތިމާގެ ލޯ ހުޅުވައިދޭ ސިލްސިލާއަކަށެވެ.
މި ސިލްސިލާ އޭގެ މައްޗަށް ކުޅެފައިވާ ސީރަތަކީ މީހަކު ޕީ.އެޗް.ޑީ ހާސިލުކުރުމަށް ކުރަންޖެހޭ ދިރާސާއަކަށް ވުރެ މާ ބޮޑު ދިރާސާއެއް ކުރެއްވުމަށް ފަހު ޢަބްދުލްޙަމީދު ޖައުދަތުއްސައްޙާރު ލިޔުއްވި ސީރަތެކެވެ. މި ސިލްސިލާ އޭނާ ލިޔުއްވީ މީގެ 50 ވަރަކަށް އަހަރު ކުރީންނެވެ. މީލާދީން 1913 ވަނަ އަހަރު އުފަންވެ ވަޑައިގަތް ޢަބްދުލްޙަމީދު ޖައުދަތުއްސައްޙާރު އޭރުގެ މިޞްރު ޔުނިވަރސިޓީ އަދި މިހާރުގެ ޤާހިރާ ޔުނިވަރސިތީން ދަސްވެނިވެ ވަޑައިގަތީ 1937 ވަނަ އަހަރުއެވެ. އަވަހާރަވީ 1974 ވަނަ އަހަރުގައެވެ.
ޢަބްދުލްޙަމީދު ޖައުދަތުއްސައްޙާރު ލިޔުއްވި ނަބީބޭކަލުންގެ ސީރަތުގައި، އިބްރާހީމްގެފާނުން ފެށިގެން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވުމާ ހަމަޔަށް ހިންގި ހާދިސާތަކަށް ވަރަށް ހުލާސާ، އެހެނަސް ވަރަށް ފުރިހަމަ ގޮތަކަށް މި ސީރަތުގައި ގެންނަވާފައިވެއެވެ. މި ސީރަތު ބަހާލެވިފައިވަނީ 20 ވޮލިޔުމަށެވެ. އެއިން ކޮންމެ ވޮލިޔުމެއްގައި 300 ވަރަކަށް ސަފްހާ ހިމެނިފައިވެއެވެ. މުޅި މި ސީރަތުގެ ސަފްހާގެ އަދަދު 6000 އަށް ވުރެ މައްޗެވެ. މިއީ ސީރަތެއްގެ އިތުރުން އަރަބި ބަހުގެ އަދަބިއްޔާތުގެ ގޮތުން ބަލާއިރު ވެސް ވަރަށް މަތީ ވަނައެއް ލިބޭ ވަރުގެ މޮޅު މަސައްކަތެކެވެ.
މި ސީރަތު ލިޔުއްވުމަށް ޓަކައި، ސީރަތު އިލްމުގެ މައްޗަށް މިހާތަނަށް ލިޔެވިފައި ހުރި ހުރިހާ ފޮތަކާއި، ހަދީސް ފޮތްތަކާއި، ދުނިޔޭގެ ތާރީހު ފޮތްތަކާއި، އަރަބި ކަރައިގެ އާސާރުތަކުގެ ދިރާސާތައް ބައްލަވައި، ދީންތައް އަޅައިކިޔުމުގެ އިލްމުގެ މައްޗަށް ލިޔެވިފައި ހުރި ފޮތްތައް މުތާލިއާ ކުރެއްވުމުގެ އިތުރުން ޢަބްދުލްޙަމީދު ޖައުދަތުއްސައްޙާރު ވަނީ، ގަދީމީ ޒަމާނުގައި އެ ސަރަހައްދުތަކުގައި ބޭނުންކުރި ބަސްތަކާއި، އެބަސްތައް ލިޔަން ބޭނުންކުރި އަކުރުތައް ވެސް ދިރާސާކުރައްވާފައެވެ. ހަމައެހެންމެ ނަބީ ބޭކަލުންގެ ސީރަތާ ގުޅުން ހުރި ބިންބިމަށާއި ތަންތަނަށް ވަޑައިގެން، އަމިއްލަފުޅަށް ދިރާސާކުރައްވާފައެވެ. ހަމަ އެހެންމެ އަހާއި ޖަމަލު މަތީގައި، އަދި ފައިމަގުގައި ހަމަ އެ މަގުތަކުން ދަތުރުކުރައްވައި، އަރަބި ސަހަރާ ތެރެއާއި، އަޑިގުޑަން މަގުތަކުން ދަތުރުކުރެއްވުމުގެ ބުރަކަން ތަޖްރިބާ ކުރައްވައިފައެވެ. މި މަސައްކަތުގައި އޭނާ ވަނީ ފުރިހަމަ 12 އަހަރު ހޭދަކުރައްވާފައެވެ.
އެހެންކަމުން މުޙައްމަދުއްރަސޫލުﷲ ސިލްސިލާއަކީ ނަބީބޭކަލުންގެ ސީރަތާ މެދު މިހާތަނަށް ކުރެވިފައިވާ އެންމެ ފުރިހަމަ ދިރާސާގެ މައްޗަށް ލިޔެފައިވާ ސީރަތެއްގެ މައްޗަށް ބިނާކުރެވިފައިވާ ސިލްސިލާއެކެވެ. ނަބީ ބޭކަލުންގެ ސީރަތާއި އިންސާނީ ތާރީހުގެ ތެރެއަށް ލޯ ހުޅުވައިދެނިވި ފުރިހަމަ މަސައްކަތެކެވެ. މި ސިލްސިލާގެ މަންޒަރުތައް މި ޒަމާނުގެ ވަސީލަތްތައް ބޭނުންކޮށްގެން އަލުން ފުރިހަމަ ކުރެވިއްޖެ ނަމަ، އެއީ މި ސިލްސިލާއަށް ލިބޭނެ އިތުރު ފުރިހަމަ ކަމެކެވެ.