ނޭޕީޑޯ (16 މާޗް): ރޮހިންގާ މުސްލިމުންް މިޔާންމާގައި ދިރިއުޅުނު ރާކީން ސްޓޭޓް ސަރަހައްދުގައި ބުޑިސްޓުން އާބާދުކުރަން ފަށައިފި އެވެ.

މިޔަންމާގެ ސަރުކާރުން މިހާރު ދަނީ ރާކިން ސްޓޭޓްގެ ދެކުނުގައި ދިރިއުޅޭ ބުޑިސްޓުން، ރޮހިންގާ މުސްލިމުން މެޖޯރިޓީ ހިމެނޭ އެ ސްޓޭޓްގެ އުތުރު ސަރަަހައްދުގައި އާބާދުކުރަމުންނެވެ.

ރޮހިންގާ މުސްލިމުން ދިރިއުޅުނު ރާކީން ސްޓޭޓްގެ ސަރަހައްދުތައް ދާދިފަހުން ވަނި މިޔަންމާ ސިފައިން ބިމާ ހަމަކޮށްލައިފަ އެވެ. އެ ސަރަހައްދުން މިހާރު ފެންނަމުންދަނީ ބުޑިސްޓުންގެ ގެތަކާއި ދިދަތަކެވެ.

މިޔަންމާ ދޫކޮށް ދިޔަ ރޮހިންގާ ރެފިއުޖީން މިޔަންމާއަށް ގެންދިޔުމަށް އެގައުމުން ވަނީ ނިންމައިފަ އެވެ. ނަމަވެސް ގިނަ ރެފިއުޖީން ބުނީ މިޔަންމާއަށް އެނބުރި ދާނީ އެމީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުން ކަމަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ހަތިޔާރު އެޅި ބަޔަކު މިޔަންމާގެ ސިފައިންނަށް ދިން ހަމަލާއަކާ ގުޅިގެން އެގައުމުގެ އަސްކަރިއްޔާއިން ވަނީ ރޮހިންގާ މުސްލިމުން އެންމެ ގިނައިން ދިރިއުޅޭ ރާކިން ސްޓޭޓުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ.

އެ އޮޕަރޭޝަނުގެ ތެރެއިން މުސްލިމުންނަށް އަނިޔާކޮށް، އެމީހުން މަރަމުން ދިޔުމުގެ ސަބަބުންނާއި، އެމީހުންގެ ގެތައް އަންދަމުން ދިޔުމުގެ ސަބަބުން އދ. އިން ވަނީ މިޔަންމާއިން ނަސްލެއް ނައްތާލަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.

މިހާތަނަށް 700،000 އަށް ވުރެ ގިނަ ރޮހިންގާ މުސްލިމުން ވަނީ ސަލާމަތްތެރިކަން ހޯދުމަށް ބަނގުލަދޭޝަށް ހިޖުރަކޮށްފަ އެވެ.

މަސްދަރު : ޕްރެސްޓީވީ