ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖޭކޮބް ޒުމާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ދެކުނު އެފްރިކާގެ ޗީފް ޕްރޮސިކިއުޓާ ޝައުން އަބްރަމްސް ވިދާޅުވީ ޒުމާގެ މައްޗަށް ދައުވާކުރަނީ އޭނާގެ ވެރިކަމުގެ ދުވަސްވަރު ހިންގެވި ހަތިޔާރުގަތުމުގެ ވިޔަފާރީގެ ޑީލްގައި ކޮރަޕްޝަން ހިމެނޭ މައްސަލައިގައި ކަމަށެވެ. އެއީ 2.5 ބިލިއަން ޑޮލަރުގެ ހަތިޔާރުގެ ވިޔަފާރީގެ މުއާމާލާތެކެވެ.

ޒުމާގެ ކޮރަޕްޝަނުގެ މައްސަލަ އެންމެ ފުރަތަމަ ސަމާލުކަމަށް އައީ 2005 ވަނަ އަހަރު އޭނާގެ ފައިނޭންޝަލް އެޑްވައިޒަރު ކޮރަޕްޝަނުގެ މައްސަލައިގައި ޖަލަށް ލުމުންނެވެ.

ޒުމާގެ މައްޗަށްވެސް އެ މައްސަލައިގައި މީގެ ކުރިންވެސް ދައުވާކުރަން އުޅުނެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ނުގެންދެވިގެން އޭރު އޮތީ މަޑުޖައްސައިލައިފައެވެ. އަދި 2009 ވަނަ އަހަރު ޒުމާ ވެރިކަމަށް އަނެއްކާވެސް އިންތިހާބުވުމުން ޕްރޮސިކިއުޓާ އޮތޯރިޓީން ވަނީ އެ ދައުވާ ދޫކޮށްލައިފައެވެ.

ޒުމާއަށް އޭނާގެ ޕާޓީ، އޭއެންސީން ކުރިމަތިކުރުވި ފިއްތުންތަކާ ގުޅިގެން މިދިޔަ މަހު ވަނީ އިސްތިއުފާ ދެއްވައިފައެވެ.

ކޮރަޕްޝަންގެ ގިނަ ތުހުމަތުތައް ޒުމާގެ މައްޗަށް ވަނީ ވަރަށް ބޮޑަށް ކުރެވިފައެވެ. އެންމެ ފަހުން 2016 ވަނަ އަހަރު ދެކުނުު އެފްރިކާގައި ބޭއްވި ލޯކަލް އިންތިހާބުގައި އޭއެންސީއަށް އިންތިހާބު ކާމިޔާބު ކުރެވުނީވެސް ހަމަ ކިރިޔާއެވެ.

އޭއެންސީގެ މެމްބަރުން ދެކޭގޮތުގައި ޒުމާގެ އަމަލުތަކުގެ ސަބަބުން ޕާޓީއަށް ވަނީ ވަރަށް ބޮޑަށް ކިލަނބުކަމެއް އައިސްފައެވެ.