އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ރ. އަތޮޅު ބުރުގައި މިއަދު ކުޅުނު މެޗުން ބަލިވެ އިންނަމާދޫ ކަޓައިފައިވާ އިރު، އުނގޫފާރުން ފައިނަލްގެ އުންމީދު އާކޮށްފިއެވެ.

ރ. މީދޫ ދަނޑުގައި ކުރިއަށްދާ ރ. އަތޮޅު ބުރުގައި މިއަދު އިންނަމާދުއާއި އުނގޫފާރު ވާދަކުރި މެޗު، އުނގޫފާރުން ކާމިޔާބުކުރީ 3-0ގެ ތަފާތު ބޮޑު ނަތީޖައަކުންނެވެ. މި މެޗުން ބަލިވެ، މިހާތަނަށް އަތޮޅު ބުރުގައި މޮޅެއް ނުލިބި އޮތް އިންނަމާދޫ ވަނީ ކަޓައިފައެވެ.

މިއަދުގެ މެޗަށް ނުކުތްއިރު އިންނަމާދޫ އަދި އުނގޫފާރުވެސް އޮތީ އަތޮޅު ބުރުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ. ރ. އަތޮޅުގެ ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި މީދޫއިން އުނގޫފާރުގެ މައްޗަށް ކުރި ހޯދީ 3-1ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި އަލިފުށިން އިންނަމާދޫގެ މައްޗަށް ކުރި ހޯދީ 5-1ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އިއްޔެ މީދުއާއި އަލިފުށި ކުޅުނު މެޗު މީދޫން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗުގެ އަށްވަނަ މިނެޓުގައި ހުސައިން ރިމާޒުގެ ގޯލުން އުނގޫފާރު ވަނީ ލީޑު ނަގައިފައެވެ. އަދި ހާފު ނިމުމުގެ ކުރިން މެޗުގެ 31 ވަނަ މިނެޓުގައި ސައުދުﷲ ހަސަންގެ ގޯލުން އުނގޫފާރު ލީޑު ފުޅާކުރިއެވެ.

މެޗު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް އުނގޫފާރުގެ ފަހު ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ މިމްރާހެވެ.

ރ. އަތޮޅު ބުރުން މީދުއަށް ވަނީ ފައިނަލުގެ ޖާގައެއް ކަށަވަރުވެފައެވެ. އެ ބުރުގެ ފައިނަލުގެ ދެވަނަ ޖާގަ ހޯދާ ޓީމެއް ކަށަވަރުވާނީ އަންނަ ހޯމަ ދުވަހު އަލުފުއްޓާއި އުނގޫފާރު ބައްދަލުކުރާ މެޗަށްފަހުއެވެ. އެ މެޗުގެ ކުރިން އަންނަ އާދީއްތަ ދުވަހު މީދުއާ ދެކޮޅަށް އިންނަމާދޫ ނުކުންނާނެއެވެ.

މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ރ. އަތޮޅު ޗެމްޕިއަނުންނަކީ އުނގޫފާރެވެ.