16 Mar 2018, 19:26
ކްލަބު އެމްޓީސީސީއާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓާ ގުޅިގެން ވިލިމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ވިލި މުއައްސަސާ ކަޕް 2018ގެ ޓައިޓަލް ސްޕޮންސަރަކަށް މިއަހަރުވެސް ސުޒުކީ މެރިން ހަމަޖައްސައިފިއެވެ.
އިއްޔެ މެންދުރުފަހު އެމްޓީސީސީ ކަށަވަރު ފިހާރައިގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސުޒުކީ މެރިންގެ ފަރާތުން ސޮއިކުރެއްވީ ސޭލްސް މެނޭޖަރު އަހްމަދު އިމާދެވެ. އަދި ވިލި މުއައްސަސާ ކަޕްގެ ފަރާތުން ސޮއިކުރެއްވީ އެމްޓީސީ ވިލިމާލެ ފެރީ ޔުނިޓުގެ އޮޕަރޭޝަންސް އޮފިސަރު އަދި މުބާރާތުގެ ކޮމިޓީ ޗެއާމަން އަހްމަދު ޖިނާހު (ޖިނާ) އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މުބާރާތުގެ ކޮމިޓީ ޗެއާމަން ޖިނާ ވިދާޅުވީ މިދިޔަ އަހަރުގެ މުބާރާތަށްވުރެ މިއަހަރުގެ މުބާރާތް، ހުރިހާ ގޮތަކުން ބެލިޔަސް ފުރިހަމަވާނެ ކަމަށާއި، މިމަހުގެ ކުރިއަށްއޮތް ދުވަސްތަކުގައި އިތުރު ޕާޓްނަރުންނާއެކު ސޮއިކުރެވޭނެ ކަމަށެވެ. އަދި މިއަހަރުވެސް ޓައިޓަލް ސްޕޮންސަރަކަށް ސުޒުކީ މެރިން ހަމަޖެހުމުން ވަރަށް އުފާކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވިލި މުއައްސަސާ ކަޕްގެ ޓައިޓަލް ސްޕޮންސަރަކަށް ސުޒުކީ މެރިން ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގައި އިމާދު(ކ) އަދި ޖިނާ(ވ) --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ސުޒުކީ މެރިންގެ ފަރާތުން ސޮއިކުރެއްވި އިމާދު ވިދާޅުވީ މުބާރާތް ސްޕޮންސާކުރި މައިގަނޑު އެއް މަގުސަދަކީ އެމްޓީސީސީގެ ޑިޕާޓްމަންޓަކުން އިންތިޒާމުކޮށްގެން ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ މުބާރާތަކަށް ވާތީ ކަމަށާއި، މިއަހަރުވެސް ކާމިޔާބު މުބާރާތަކަށް ވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. ބޮޑު މުބާރާތެއް އިންތިޒާމުކުރާތީ ވިލިމާލެ ފެރީ ޔުނިޓަށްވެސް އިމާދު ވަނީ ޝުކުރު އަދާކޮށްފައެވެ.
އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މެއި މަހުގެ ނިޔަލަށެވެ. ބައިވެރިވުމުގެ މުއްދަތު ހަމަވުމާއެކު މުބާރާތުގެ ހުރިހާ މުއުލޫމާތެއް ހިއްސާކުރާނެ ކަމަށް މުބާރާތް އިންތިޒާކުރާ ފަރާތުން ބުނެއެވެ.
ވިލި މުއައްސަސާ ކަޕްގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީ އެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިދިޔަ އަހަރުވެސް އެ މުބާރާތް ވަނީ ވަރަށް ކާމިޔާބުކަމާއެކު ބާއްވައިފައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ޓީމް ހައުސިން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއެވެ.