ގދ. ގައްދޫގައި ރޭ ހިނގި އެކްސިޑެންޓްގައި ޒަހަމްވި އުމުރުން 80 އަހަރުގެ މީހާ މަރުވި މައްސަލާގައި އެރަށުން މީހަކު ހައްޔަރު ކޮށްފި އެވެ.

އެކްސިޑެންޓުގައި ޒަހަމްވެ މަރުވެފައި ވަނީ އެރަށު ހަނދުވަރީގޭ މުހައްމަދު ޒާހިރު، 80، އެވެ. ޒާހިރު މަރުވެފައި ވަނީ ލިބުނު އަނިޔާތަކަށް ގދ. ތިނަދޫ އަބްދުއްސަމަދެ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރު ކުރީ އުމުރުން 20 އަހަރުގެ ފިރިހެނެއް ކަމަށެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި ހައްޔަރު ކޮށްފައި ވަނީ އެކްސިޑެންޓު ހިނގި އިރު ސައިކަލު ދުއްވަން އިން މީހާ އެވެ. ދުއްވަން އިން މީހާ އަތުގައި ލައިސަންސް ނެތްކަން ވެސް ސަން އަށް ވަނީ އެނގިފަ އެވެ.

އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ ޒުވާނުންނަށް ވެސް ޒަހަމްތަކެއް ލިބިފައިވެ އެވެ. އެގޮތުން، އެކްސިޑެންޓުގައި ތަނަކު ޖެހުމުން ދެ ޒުވާނުންގެ ތެރެއިން އުމުރުން 17 އަހަރުގެ ޒުވާނާގެ ކޮނޑުހުޅު ލިގަމެންޓަށް އަނިޔާތަކެއް ލިބިފައިވީ ނަމަވެސް ފަރުވާއަށް ފަހު މިއަދު ހެނދުނުގެ ވަގުތެއްގައި އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.