ސަރުކާރާ އިދިކޮޅު ފަރާތްތަކުން މިހާރު މާލޭގައި ބާއްވަމުންދާ އެއްވުންތަކުގައި ބައިވެރިވާން ނުކުންނަ މީހުންނަކީ އިސްލާމްދީނާ ދެކޮޅަށް ނިކުންނަ މީހުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ، އިސްލާމްދީން ނޫން ދީންތަކަށް ފުރުސަތު ހޯދަން ކުރާ މަސައްކަތުގައި ބައިވެރި ނުވުމަށް އިލްތިމާސް ކުރައްވާ ކަމަށާއި މިހާރު އެމްޑީޕީން އިސްވެ އޮވެ އެ ރާވާ އެއްވުންތަކުގައި ބައިވެރިވާ މީހުންނަކީ އިސްލާމް ދީނާ ދެކޮޅަށް ނިކުންނަ ބައެއްކަމަށެވެ.

"ކަނޑައެޅިގެން އިސްލާމްދީނާ ދެކޮޅަށް އެމްޑީޕީން އިސްވެ އޮވެގެން ރާވާ މުޒާހަރާއެއްގައި މިހާރު ބައިވެރިވާނީ. އަޅުގަނޑު އެންމެ ހިތާމަކުރާ ކަމަކީ އިސްލާމްދީން ހިމާޔަތް ކުރުމުގެ ނަމުގައި މަސައްކަތް ކުރެއްވި ބޭފުޅުންވެސް އެމީހުންނާ އެއްސަފުގައި ފެންނާތީ. އެ މީހުންގެ އަވައިގައި ޖެހިގެން ދިވެހި ރާއްޖޭގެ މިއޮތް ސައްތައިން ސައްތަ އިސްލާމް ދީންގެ ރީތިނަން ކިލަނބު ކޮށްލަން މަސައްކަތް ކުރާ ބައިގަނޑެއްގެ ތެރޭގައި މަސައްކަތް ކުރާތީ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ރާއްޖެއިން އެހެން ދީންތަކަށް ފުރުސަތު ދިނުމާއި މަރުގެ ހުކުމް ތަންފީޒް ކުރިޔަ ނުދިނުމަށް އިއްޔެ އީޔޫއިން ގަރާރެއް ފާސްކުރުމުން އެކަމަށް އަތްޖަހާން ރައްޔިތުން ތިބުމަކީ ލަދުވެތިވެ، ހިތާމަ ކުރަންޖެހޭ ކަމެއް ކަމަށެވެ.

ރާއްޖެއިން ހޯދައިފަވާ ހުރިހާ ކާމިޔާބީއެއް ބިނާވެފައި އޮތީ އިސްލާމްދީނުގެ މައްޗަށްކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ބޭރުގެ އެހީތައް ކަނޑާލިކަމުގައި ވިޔަސް އެހެން ދީނަކަށް ޖާގަ ނުދޭނެކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.