މުޖްތަމައުގައި އޮތް ބޮޑު މައްސަލައެއްގެ މައްޗަށް ބިނާކޮށް ތަޖުރިބާކާރު ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) ހަދާ ބިރުވެރި ފިލްމު "ރޭވުމުން"ގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

މި މަހު 24 ވަނަ ދުވަހު ފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހި، ފިލްމުގެ ޝޯގެ ޓިކެޓްގެ އަދަދަކީ 100 ރުފިޔާ އެވެ.

އަމްޖޭ ސަން އަށް ބުނީ "ރޭވުމުން"ގެ 12 ޝޯއަށް ޓާގެޓްކޮށްފައިވާ ކަމަށާއި މިހާރު މަސައްކަތް ކުރަނީ ތަފާތު ގޮތަކަށް ޕްރިމިއާ ނައިޓް ކުރިއަށް ގެންދެވޭތޯ ކަމަށެވެ.

"އުދަބާނި"، "ސަނދުރަވިރޭ" ފަދަ ބިރުވެރި ފިލްމުތައް އުފައްދާފައިވާ އަމްޖޭ މިފަހަރު ހަދާ ފިލްމުގެ "ރޭވުމުން" އަކީ އޭނާގެ 52 ވަނަ ފިލްމެވެ.

ފިލްމު ވެގެންދާނީ މި އަހަރު ނުކުންނަ އެންމެ ފުރިހަމަ ރީތި އެއް ފިލްމަށް ކަމަށާއި ފިލްމުގައި މިހާރުގެ މުޖުތަމައަށް ގުޅޭނެ ފަދަ ހުރިހާ ކަމެއް އެކުލެވިގެންވާނެ ކަމަށް އަމްޖޭ ކުރިން ސަން އަށް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ.

"ރޭވުމުން" ތަރިންގެ ގޮތުގައި ފެނިގެންދާނީ މުހައްމަދު މަނިކު، އަހްމަދު ޝާޒް (ތަޖޫބެ)، ހަސަން މަނިކު، ފައުޒިއްޔާ، ޝަކީލާ އަދި މުޅިން އަލަށް ދިވެހި ފިލްމު އިންޑަސްޓްރީ އަށް ތައާރަފްވާ ބަތަލާ ނާޖިހާ ޢަޒޫރު (ނާ) އެވެ.

ރޭވުމުންގެ ކެމެރާގެ މަސައްކަތް ކޮށްފައި ވަނީ މުހައްމަދު އަބޫބަކުރު (މާ އެނބޫ) އެވެ. ފިލްމުގެ މިއުޒިކްގެ މަސައްކަތް ހުސައިން ސޮބާ ކޮށްފައިވާ އިރު އެ ފިލްމުގައި ޖުމްލަ ހަތަރު ލަވަ ހިމެނެ އެވެ.

ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރަނީ އަހުމަދު ޒިޔާ އެވެ.