16 Mar 2018, 10:32
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ބޮލީވުޑް ސުޕަސްޓާރު ސަލްމާން ޚާންގެ ސަޕޯޓަރުން ގިނައެވެ. އެއް ފަހަރު ނަމަވެސް ސަލްމާން ދެކިލުމަށް ދިގު ދަތުރުތައް ކުރާ މީހުން ވެސް އުޅެ އެވެ.
ނަމަވެސް ސަލްމާނާ މިފަހަރު ދިމާވީ މުޅިން އެހެން ކަހަލަ ސަޕޯޓަރަކާ އެވެ.
މީގެ ދެތިން ދުވަސް ކުރިން ހިނގި ހާދިސާއެއްގައި، އަންހެނަކު މިވަނީ ތޫނު ހަތިޔާރަކާ އެކު މުމްބާއީގައި ސަލްމާން ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓްސް އަށް ގަދަކަމުން ވަދެފައެވެ.
ޚަބަރުތައް ބުނާގޮތުން އެ ހާދިސާ ހިނގީ ގޭގެ ސެކިއުރިޓީ ބަލަހައްޓަން ހުރި އެކަކު ކުޑަ ބްރޭކެއް ނެގި ގަޑިއެއްގައެވެ. އަނެއް ސެކިއުރިޓީ އަކީ ވަޒީފާއަށް އާ މީހަކަށް ވީއިރު، އޭނާއަށް އަންހެން މީހާ ނުހުއްޓުވުނެވެ.
ނަތީޖާ އަކަށްވީ، އަންހެން މީހާ ގޯތި ތެރެއަށް ވަދެ، ގޭގެ ދޮރުގައި ތަޅަން ފެށުމެވެ. އޭނާ އެވަގުތު، ސަލްމާނަކީ އޭނާގެ ފިރިމީހާ ކަމަށް ބުނަމުން ދިޔަ ކަމަށް ޚަބަރުތައް ބުނެ އެވެ.
އޭގެ އިތުރުން، އެ އަންހެން މީހާ ވަނީ އަމިއްލައަށް މަރުވާނެ ކަމަށް ބުނެ ސެކިއުރިޓީއަށް އިންޒާރުވެސް ދީފައެވެ.
މައްސަލަ ހައްލު ކުރެވުނީ އަލިފާން ނިއްވާ މީހުން ގެނެސްގެން ކަމަށްވެ އެވެ.
ބޮލީވުޑް ފަންނާނުންގެ ސަޕޯޓަރުންގެ ފަރާތުން ދޭތެރެއަކުން މިފަދަ ކަންކަން ހިނގައެވެ. އެގޮތުން ބޮލީވުޑް ރަސްގެފާނު، ޝާހްރުކް ޚާންގެ ސަޕޯޓަރަކު ވެސް ވަނީ ޝާހު ދިރިއުޅޭ ގެއަށް ވަދެ އެ ގޭ ޕޫލުން ފެންވަރައިފައެވެ.
އިނގިރޭސި ނޫހަކަށް ދިން އިންޓަވިއު އެއްގައި ޝާހު ބުނީ، ޝާހު އާ ބައްދަލުކޮށް އޮޓޮގްރާފް ހޯދަން ވެސް އޭނާ މަސައްކަތް ނުކުރާ ކަމަށާއި، އޭނާ ބޭނުންވީ ޝާހު ބޭނުންކުރާ ފެނުން ފެން ވަރައިލުމަށް ކަމަށެވެ.
އޭގެ އިތުރުން، އުމުރުން 62 އަހަރުގެ އަންހެނަކު މަރުވި އިރު އޭނާގެ ހުރިހާ މުދަލަކާއި ފައިސާއެއް ބޮލީވުޑް އެކްޓަރު ެ ނަން މައްޗަށް ބަދަލުކޮށްފައިވާކަން ވެސް މިދިޔަ ހަފްތާގައި ވަނީ ހާމަވެފައެވެ.