16 Mar 2018, 11:07
ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރްމާ ފުރަތަމަ ދަރިފުޅަށް ބަލިވެއިން ކަމަށް ބުނެ ވާހަކަތައް ދެކެވެން ފަށައިފި އެވެ.
އަނުޝްކާ ބަނޑުބޮޑު ކަމަށް އަޑު ފެތުރިފައި މިވަނީ ފިރިމީހާ، އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީ ކުރި ޓުވީޓަކާ ގުޅިގެންނެވެ.
މާޗު މަހުގެ ނުވަ ވަނަ ދުވަހު ވިރާޓް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ދިރިއުޅުމުގައި ވަރަށް ގިނަ ކަންތައްތަކެއް ހިނގަމުން އެބަ އަންނަ ކަމަށާއި، އަދި ވަރަށް އަވަހަށް އެ ވާހަކަތައް ސަޕޯޓަރުންނާ ހިއްސާ ކުރާނެ ކަމަށެވެ.
ދަރިއަކު ލިބެން އުޅޭ ކަހަލަ އެއްވެސް ވާހަކައެއް ވިރާޓު ބުނެފައި ނުވި ނަމަވެސް، އޭނާގެ ޓުވީޓު ގިނަ ބަޔަކަށް ފަހުމުވީ އެގޮތަށެވެ.
އެ ޓުވީޓަށް ޖަވާބު ދެމުން ގިނަ ބަޔަކު ވަނީ އަނުޝްކާ ބަލިވެ އިނީތޯ ސުވާލުކޮށްފައެވެ. ނަމަވެސް އެއްވެސް މީހެއްގެ ސުވާލަށް ވިރާޓު ޖަވާބު ދީފައެއް ނުވެ އެވެ.
ހަތަރު އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، އަނުޝްކާ އާއި ވިރާޓު ކައިވެނި ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އިޓަލީގައެވެ.