ރޭ މަޖިދީމަގުމައި ބޭއްވި މުޒާހަރާއިން ހައްޔަރު ކުރި މަޖިލީހުގެ ތިން މެމްބަރުން ދޫކޮށްލައިފި އެވެ.

ރޭ މުޒާހަރާއިން ހައްޔަރުކޮށްފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އެވެ.

ފުލުހުން ރޭ ބުނެފައިވަނީ އެމީހުން ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށެވެ. އެ ތިން މެމްބަރުންގެ އިތުރުން އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރު މުހައްމަދު އަސްލަމްވެސް ފުލުހުން ރޭ ހައްޔަރު ކުރުމަށް ފަހު މިރޭ ވަނީ ދޫކޮށްލާފަ އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ގައުމުގެ އަމަން އަމާންކަން ނަގާލައި ގާނޫނީ ގޮތުން އުފެދިފައިވާ ވެރިކަމެއް ގާނޫނާ ހިލާފަށް ވައްޓާލާކަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ.

"ފުލުހުން އާންމުންގެ ކިބައިން ވެސް އިލްތިމާސް ކުރަނީ ސިޔާސީ ގޮތުން ގާނޫނާ ހިލާފަށް ކުރަމުންގެންދާ ކަންކަމުގައި ބައިވެރި ނުވުމަށް. އަދި އެއްވެސް ސިޔާސީ ބައެއްގެ އަމިއްލަ މަގްސަދު ހާސިލް ކުރަން ކުރާ ޣައިރު ގާނޫނީ ކަންކަމުގައި ބައިވެރި ނުވުމަށް." ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ މާދަމާ މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވަން ނިންމައިފަ އެވެ. ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެއީ ސަރުކާރު ވައްޓާލަން ބާއްވާ މުޒާހަރާއެއް ކަމަށާއި އެ މުޒާހަރާ ބޭއްވުމަށް ފުލުހުން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ.