ފުލުހުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވަކީލެއްގެ ގޮތުގައި އައްޔަންވެފައިވާ މައްސަލަތަކުން އޭނާ ސަސްޕެންޑް ކޮށްފި އެވެ.

މަހުފޫޒު ވިދާޅުވީ ފުލުސް އޮފީހުގައި އައްޔަން ވެފައިވާ މައްސަލަތަކުން އޭނާ ސަސްޕެންޑްކުރި ކަން މިރޭ އަންގާފައިވާ ކަަމަށެވެ. ނަމަވެސް ސަބަބެސް ނާންގާ ކަމަށް ވިދާޅުވި އެވެ.

މަހުފޫޒަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި ދުންޔާ މައުމޫނުގެ ފިރިކަލުން މުހައްމަދު ނަދީމުގެ ވެސް ގާނޫނީ ވަކީލެވެ.

ގާނޫނީ ވަކީލުންނާ ގުޅުން ހުރި ކަންކަން ބަލަހައްޓަމުން ގެންދަނީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑް މިނިސްޓްރޭޝަނުންނެވެ. ވަކީލުންގެ މައްސަލަ ބަލައި ސަސްޕެންޑް ކުރުމުގެ ކަންކަންވެސް ކުރަމުން ދަނީ އެ އެޑްމިނިސްޓްރޭޝަނުންނެވެ.

މަހުފޫޒު ސަސްޕެންޑް ކުރިކަން ފުލުހުން އެންގުމާ ގުޅިގެން ގާނޫނީ ވަކީލުން ދަނީ އެކަމާ ކަންބޮޑު ފާޅު ކުރަމުންނެވެ.

ގާނޫނީ ވަކީލު ހިސާން ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކީލެއްގެ ހައިސިއްޔަތުން ވަކީލުން އަދާ ކުރަމުންދާ ޒިންމާއިން ސަސްޕެންޑް ކުރުމުގެ ފުލުހުންނަށް ލިބިގެން ނުވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އިދާރާއިން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި ތަހުގީގު ކުރުމުގެ އުސޫލުތަކާ ހިފާލަށް ވަކީލު މަހުފޫޒުގެ އަމަލުތައް ހުރުމުގެ ސަބަބުން ފުލުހުން ބަލަމުންދާ މައްސަލަތަކުން ފުރުސަތު ދެވެން ނެތް ކަމަށެވެ.

"ފުލުހުންގެ ތަހުގީގު ކުރުމުގެ އުސޫލުތަކާ ހިލާފަށް ގާނޫނީ ވަކީލު މަހުފޫޒު ސައީދުގެ އަމަލުތައް ހުރުމުގެ ސަބަބުން ފުލުހުން ބަލަމުންދާ މައްސަލަތަކުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރަން ފުރުސަތު ދެވެން ނެތްކަން ވާނީ އަންގާފައި" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.