ގދ. ގައްދޫގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކަށް ބޮޑެތި ޒަހަމްތަކެއް ވެއްޖެ އެވެ.

އެކްސިޑެންޓުގައި ޒަހަމްވެފައި ވަނީ އެރަށު ހަނދުވަރީގޭ މުހައްމަދު ޒާހިރު އެވެ. އޭނާގެ އުމުރަކީ 80 އަހަރު ކަމަށް ފުލުހުން ބުންޏެވެ.

ގައްދޫ ކައުންސިލުގެ ރައީސް ރައްޔާން ޖަމާލް 'ސަން' އަށް ވިދާޅުވީ އެކްސިޑެންޓް ހިނގީ ދެ ޒުވާނަކު ދުއްވާފައި ދިޔަ ސައިކަލެއް ޒާހިރު މަގު ހުރަސް ކުރަނިކޮށް ޖެހިގެން ކަމަށެވެ.

އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެމީހުންނަށްވެސް އަނިޔާވެފައިވާއިރު ޒާހިރު ހާލު ސީރިއަށް ކަމަށް ގައްދޫ ސިއްހީ މަރުކަޒުން ބުންޏެވެ.

"ހާލު ސީރިއަސް ގައިގެ އެކި ތަންތަން ޒަހަމްވެފައި ވަނީ އަދި އޭގެ އިތުރުން ބޮލަށް ވަރަށް ބޮޑަށް ގެއްލުންވެފައި ވަނީ. މިހާރު ވަނީ ގދ. ތިނަދޫ ހޮސްޕިޓަލަށް އިތުރު ފަރުވާއަށް ފޮނުވާލާފައި" ސިއްހީ މަރުކަޒުން ބުންޏެވެ.

ބޮލަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއްކަން ސާފުވާނީ ޓެސްޓުތައް ހެދުމުން ކަމަށް ސިއްހީ މަރުކަޒުން ވަނީ ބުނެފަ އެވެ.