25 Aug 2011, 10:56
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލަށް، ސުން ރޭޓުން ޑިއުޓީ ނަގާ އައިޓަމްތަކުގެ ގޮތުގައި ކައްކާ ގޭހާއި ޑީސަލާއި ޕެޓްރޯލާއި ބޮޑެތި މީހުންގެ ނެޕީ އިތުރު ކުރުމަށް ރޭ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި އެވެ.
މުޅި މަޖިލީސް ކޮމެޓީއަކަށް ބަދަލުކޮށްގެން ރޭ ބޭއްވި ޖަލްސާގައި ޖެނެރަލް ސޭލްސް ޓެކްސް ]ޖީއެސްޓީ[ ނުނަގާ ގޮތަށް، ބޮޑެތި މީހުންގެ ނެޕީ އިތުރު ކުރެއްވުމަށް ހުށަހެއްޅުއްވީ، ޕީއޭގެ އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އިބްރާހީމެވެ. އެ އިސްލާހަށް 35 ބޭފުޅުން ވޯޓްދެއްވި އެވެ.
ޖީއެސްޓީ މައާފު ކުރާ ބަޔަށް، ޑީސަލާއި ޕެޓްރޯލް އިތުރު ކުރެއްވުމަށް ހުށަހެޅުއްވީ ޑީއާރުޕީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒެވެ. ޑީސަލުން އެއްވެސް ޑިއުޓީއެއް ނުނެގުމަށް 39 މެންބަރުން ވޯޓް ދެއްވި އިރު، ޕެޓްރޯލުން ޑިއުޓީ ނުނެގުމަށް 36 މެންބަރުން ވޯޓް ދެއްވި އެވެ.
ކައްކާ ގޭހުން ޑިއުޓީ ކަނޑާލުމަށް ހުށަހެޅުއްވީ އެމްޑީޕީގެ ތިނަދޫ ދާއިރާގެ މެންބަރު މުހައްމަދު ގަސަމް އެވެ. އެ ހުށަހެޅުމަށް 66 މެންބަރުން ވޯޓް ދެއްވި އެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލް ސަރުކާރުން ހުށަހެޅި އިރު، އާންމުކޮށް ބޭނުން ކުރާ 17 ބާވަތަކުން ޖީއެސްޓީ ނުނެގުމަށް ހުށަހަޅާފައިވެ އެވެ.
އޭގެ ތެރޭގައި ހަނޑޫ، ހަކުރު، ފުށް، ލޮނު، ކިރު، ކުކިން އޮއިލް، ބިސް، ސައިފަތް، ރާއްޖޭގައި ބަންދުކޮށްފައިވާ މަހާއި ރިހާކުރު ހިމެނެ އެވެ. އަދި އަލުއްވާއި ހަވާދު އުފެއްދުމަށް ބޭނުން ކުރާ ބާވަތްތަކާއި ދިޔާ ހަކުރާއި ކާށި، ކުނރުބާ، ރުކުރާ، ކޮރަޅި، ތަރުކާރީގެ ބާވަތްތަކުގެ ތެރެއިން ކެރެޓް، ކެބެޖު، ތޮޅި އަދި ޓޮމާޓޯ އާއި ހުރިހާ މޭވާ އަކާއި ޕާނާއި ބަނަހާއި ފާރޮއްޓާއި ކުޑަ ކުދީންގެ ނެޕީ އާއި ތުއްތު ކުދީންގެ ކާނާ ހިމެނެ އެވެ.