15 Mar 2018, 21:20
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ހދ. އަތޮޅު ބުރުގެ ފައިނަލަށް ނޮޅިވަރަންފަރު ދަތުރުކޮށްފިއެވެ.
ނޮޅިވަރަންފަރުން މިއަދު ކުޅުނު މެޗުގައި ކުމުންދޫގެ މައްޗަށް ކުރިހޯދީ 5-0 ގެ ނަތީޖާއަކުންނެވެ.
މިއަހަރުގެ މިނިވަންޗެމްޕިއަންޝިޕް މުބާރާތުގައި ހދ. އަތޮޅުގެ އަތޮޅު ބުރު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ހަނިމާދުއާއި، ފިނޭއާއި، ނޮޅިވަރަމް އަދި ނެއްލައިދުއެވެ. އެ ގްރޫޕްގެ އެއްވަނަ ޓީމު ހަނިމާދުވަނީ މިހާރު ފައިނަލަށް ދަތުރުކޮށްފައެވެ.
ގްރޫޕް ދޭއްގައި ހިމެނެނީ ކުޅުދުއްފުށީގެ އިތުރުން ނޮޅިވަރަންފަރު އަދި ކުމުންދުއެވެ. ގްރޫޕު ދޭއްގައި ކުރިނބީ ހިމެނުނު ނަމަވެސް، ފަހުން އެޓީމު ވަނީ މުބާރާތުގައި ބައިވެރިނުވާން ނިންމައި، މުބާރާތުން ނަން ނަގައިފައެވެ.
ކުޅުދުއްފުށީގައި ކުރިއަށްދިޔަ ގްރޫޕް ދެއެއްގެ މެޗުތައް މިއަދު ނިމިފައިވާއިރު ނޮޅިވަރަންފަރާއި ކުޅުދުއްފުއްޓަށްވެސް ލިބެނީ ހަތަރު ޕޮއިންޓެވެ. ނޮޅިވަރަންފަރަށް އެ ގްރޫޕްގެ އެއްވަނަ ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
މިއަދުގެ މެޗުގައި ނޮޅިވަރަންފަރުގެ މުހައްމަދު ރިޔާޒު ދެ ގޯލް ޖަހައިފައިވާއިރު މުހައްމަދު އަސްރަފާއި ހުސައިން ނިޝާހް އަދި މުހައްމަދު އައްސަދުވެސް ވަނީ ކޮންމެ ކުޅުންތެރިއަކު ގޯލް ޖަހައިފައެވެ.
ހދ. އަތޮޅުގެ ފައިނަލް އޮންނާނީ މިމަހު 18 ވަނަ ދުވަހުގައެވެ.