15 Mar 2018, 21:10
ސިޔާސީ ކުއްވެރިން ދޫކޮށްލަން އަމުރުކޮށް ފެބުރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު އެ ކޯޓުން ބާތިލުކޮށްފައިވާތީ ތަންފީޒު ކުރެވެން ނެތް ކަމަށް ސަރުކާރުން ބުނެފި އެވެ.
އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޕާލިމެންޓުން މިއަދު ގަރާރެއް ނެރެފައިވާތީ އެކަމަށް ރައްދު ދެއްވައި ސަރުކާރުން ބުނީ އެ އަމުރު ތަންފީޒު ކުރަންޖެހޭ އެއްވެސް ގާނޫނީ ހައިސިއްޔަތެއް މިހާރު ނެތް ކަމަށެވެ.
އެއީ ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ނެރިފައިވާ ކޯޓު އަމުރުގެ އެއްބައި ހަމަ އެކޯޓުން ބާތިލުކޮށް އަނެއް ބައި ސަސްޕެންޑް ކޮށްފައިވާތީ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް އީޔޫގެ ޕާލިމެންޓުން ގޮވާލާފައިވާތީ ސަރުކާރުން ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދިގު ދެންމުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. އަދި ގައުމުގެ ސަލާމަތީ ކަންކަން ހަމަޖެހުނުހާ އަވަހަށް ކުއްލި ހާލަތު އުވާލާނެ ކަަމަށްވެސް ބުނެފައިވެ އެވެ.
މިހާރު ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުވާނީ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރެވިގެން ކަމަށާއި އެހެންކަމުން އެއްވެސް ޝަރުތަކާ ނުލާ މަޝްވަރާތަކުގައި އިށީނުމަށް ސިޔާސީ ޕާޓީތަކުގެ ކިބައިން އެދިފައިވާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
އަދި މިއަހަރު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މިނިވަން ކަމާއެކު ކެމްޕޭން ކުރުމުގެ މާހައުލެއް ފަހިކޮށްދޭނެ ކަމަށް ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.
މަރުގެ ހުކުމް ތަންފީޒު ކުރުމާ ދެކޮޅަށް އީޔޫއިން ގަރާރު ނެރިފައިވާތީ ސަރުކާރުން ބުނެފައި ވަނީ މަރުގެ ހުކުމް ތަންފީޒު ކުރަން ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބުނެފައިވަނީ މީހުން މަރާ މީހުންނަށް ކަމަށެވެ. އަދި އެ ހުކުމް ތަންފީޒު ކުރެވިގެންދާނީ ޝަރުއީ ތިން މަރުހަލާ ނިމި ހުރިހާ ހައްގުތަކެއް ލިބިދެވޭ ގޮތަަށް ކަމަށެވެ.
ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދިނުމަކީ ރާއްޖޭގެ ތާރީހާ ސަގާފަތްވެސް ތަންދޭ ކަމަށްކަށް ނުވާތީ އެފުރުސަތު ދެވެން ނެތް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެހެންނަމަވެސް ގައުމަށް ޒިޔާރަތްކުރާ އެހެންދީންތަކުގެ މީހުންނަށް އިހުތިރާމު ކުރާ ކަމަށް ބުނެފައިވެ އެވެ.