15 Mar 2018, 19:58
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗުތައް ހިލޭ ބަލައިލުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެސްޓީއޯ މާލޭ ލީގުގެ ކޮންމެ މެޗަކަށްފަހު ނަސީބުވެރިން ހޮވުމަށް ގުރުނަގާގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ނިންމައިފިއެވެ.
އެފްއޭއެމްއިން ނިންމާފައިވަނީ މާލޭ ލީގުގެ ކޮންމެ މެޗަކަށްފަހު އެ މެޗަކަށް ދަނޑަށް ވަންނަ ފަރާތްތަކުގެ މެދުގައި ގުރުނަގާގޮތަށެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކޮންމެ ނަސީބުވެރިޔަކަށް ސީޒަން ޓިކެޓެއް ދޫކުރުމަށް ނިންމާފައިވާ ކަމަށާއި، އެ ޓިކެޓު ބޭނުންކޮށްގެން އެއްވެސް އަގަކާ ނުލައި މެޗުތައް ބަލައިލުމަށް ދަނޑަށް ވަދެވޭނެ ކަމަށެވެ.
މާލޭ ލީގު މެޗުތަކުގައި ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވީ ނަމަވެސް، ނަސީބުވެރިންގެ ތެރޭގައި ހިމެނިގެން ލިބޭ ސީޒަން ޓިކެޓުން މާލޭ ލީގުގެ އިތުރުން އެފްއޭއެމުން އިންތިޒާމްކޮށްގެން ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ ހުރިހާ މުބާރާތެއްގެ މެޗުތަކަށްވެސް ހިލޭ ވަދެވޭނެއެވެ.
މާލޭ ލީގުގެ މެޗެއް އެންމެ އަވަހަށް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ. ހޯމަ ދުވަހުގެ ހަވީރު 4:00ގައި ކުޅޭ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ބައްދަލުކުރާ އިރު، އެ ދުވަހުގެ ރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާއެވެ.