ރާއްޖޭގައި މެދުކެނޑުމެއް ނެތި ބާއްވަމުން އަންނަ އެންމެ ބޮޑު ފުޓްސަލް ފުޓްބޯޅަ މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕް 2018ގެ އޮންލަައިން މީޑިއާ ޕާޓްނަރަކަށް މިއަހަރުވެސް "ސަން އޮންލައިން" ހަމަޖައްސައިފިއެވެ.

މިދިޔަ އަހަރުވެސް ކްލަބު މޯލްޑިވްސް ކަޕް އަދި 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖެއްސާ މިއަދުވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ސަން ސްޓޫޑިއޯގައި މިއަދު ބޭއްވި ހަފްލާގައި ކްލަބު މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޓްރެޜަރާ އަބްދުލް ރަޝީދު އަލީއެވެ. ސަން މީޑިއާ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާ ޔޫސުފެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމެއްފަހު ކްލަބު މޯލްޑިވްސްގެ ސްޕޯޓްސް ޑިރެކްޓަރު އިސްމާއިލް ސުވައިދު ވިދާޅުވީ މިހާރު މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާ ކަމަށާއި، ހުރިހާ ކަމެއްވެސް އެހެން އަހަރުތަކެކޭ އެއްގޮތަށް ފުރިހަމަކޮށް ފެނިގެންދާނެ ކަމަށެވެ.

"މުބާރާތް ފެށެން ދެން މިއޮތީ ތިން ދުވަސް. އެހެންވީމާ މުބާރާތުގެ އެންމެފަހުގެ ތައްޔާރީތައް ވަމުން މިދަނީ. ދަނޑުގެ ތައްޔާރީތައް މިހަރު ކުރިއަށް މިދަނީ. މުބާރާތަށް ހަމަ ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމަކޮށް ނިންމާލެވޭނެ،" ސުވައިދު ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ސްޕޯޓްސް ޑިރެކްޓަރު އިސްމާއީލް ސުވައިދު(ކ) ސަން ސްޕޯޓްސްއަށް މައުލޫމާތު ދެނީ --- ސަން ފޮޓޯ/ އަލީ ރިފްޝާން

ސަން އޮންލައިނާއެކު މިއަދު ވެވުނުު އެއްބަސްވުމާ ގުޅިގެން ސުވައިދު ވިދާޅުވީ ސަން މީޑިއާ ގްރޫޕަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ މީޑިއާ ޕްލެޓްފޯމް ކަމަށާއި، ހާއްސަކޮށް "ސަން ސްޕޯޓްސް" އަކީ ރާއްޖޭގެ ކުޅިވަރަށް މުހިންމު ފަރާތެއް ކަމަށެވެ.

"ސަން މީޑިއާ ގްރޫޕަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ މީޑިއާ. އެންމެ ބޮޑު އާބާދީއަކަށް މައުލޫމާތު ފޯރުކޮށްދޭ ވަސީލަތް. ދެން ފާހަގަކޮށްލަން ޖެހޭ ސަން ސްޕޯޓްސްއަކީ އެންމެ ބޮޑު ރޯލެއް މީގައި ކުޅޭ ފަރާތް. ރާއްޖޭގެ ކުޅިވަރާ ބެހޭ ހުރިހާ ހަބަރުތަކެއްވެސް އާންމުންނާ ހަމައަށް ގެނެސްދޭ ޕްލެޓްފޯމެއް. އެހެންވީމާ ވަރަށް ބޮޑު އުފަލެއް ސަން މީޑިއާއާއެކު މަސައްކަތް ކުރެވުމަކީ. ވަރަށް ރަނގަޅު މަސައްކަތްތަކަކަށް އުންމީދު މިކުރަނީ،" އޭނާ ފާހަގަކުރެއްވިއެވެ.

މިހާތަނަށް މެދުކެނޑުމެއްނެތި 12 އަހަރު ބާއްވާފައިވާ ކްލަބު މޯލްޑިވްސް ކަޕްގައި މިއަހަރުވެސް ފިރިހެން ޑިވިޝަންގެ 32 ޓީމު، އަދި 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގައި ނުވަ ޓީމު ވާދަކުރާނެއެވެ. އަންނަ އާދީއްތަ ދުވަހުން ފެށިގެން މުބާރާތް އެއް މަސް ދުވަހަށް ކުރިއަށްދާއިރު މުބާރާތް ކުރިއަށްދާނީ ކުރީ އަހަރުތަކުގައިވެސް ކުޅުނު ފޯމެޓަށެވެ.

ކްލަބު މޯލްޑިވްސްގެ ގުރުއަތުލުން މިމަހުގެ އެއްވަނަ ދުވަހުގެ ރޭ ބާއްވާފައިވާއިރު މިއަހަރުވެސް ބަހާފައިވަނީ ޓީމުތައް ސީޑުކޮށް ޕޮޓުތަކަކަށް ބަހާލައިގެންނެވެ.

ކްލަބު މޯލްޑިވްސް ކަޕް އިންތިޒާމްކުރާ ފަރާތުން ޓީމުތަކަށް ސުވައިދު ދީފައިވާ މެސެޖަކީ ކުރިއެކޭވެސް އެއްގޮތަށް ކުޅިވަރުގެ ރޫހާ އެއްގޮތަށް ފޯރިއާއެކު މުބާރާތް ކުރިއަށް ގެންދިއުމަށް ދެމުންގެންދާ އެއްބާރުލުން މިފަހަރުވެސް ދެއްވުމަށެވެ.

"ޓީމުތަކަށް ދޭން ބޭނުންވާ މެސެޖަކީ ހުރިހާ ޓީމަކުންވެސް ކުޅިވަރުގެ ރޫހާ އެއްގޮތަށް މުބާރާތް ކުރިއަށް ގެންދާށޭ. ފުޓްސަލްއަކީ ހަމަ ބޮޑީ ޓު ބޮޑީ ކުޅޭ ކުޅިވަރެއް. ކޮންމެ ފަހަރަކު އެންމެ ރަނގަޅު ނިންމުން ނުނިންމިދާނެ. އެކަމަކުވެސް ކުޅުންތެރިންނާ އޮފިޝަލުންވެސް ވީހާވެސް ބޮޑަށް ކުޅިވަރުގެ ރޫހާ އެއްގޮތަށް އަމަލުކޮށްދިނުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް. ހާއްސަކޮށް ސްޕޯޓަރުންވެސް އެގޮތަށް އަމަލުކޮށްދެއްވުމަކީ އޯގަނައިޒިން ކޮމިޓީން ވަރަށް ބޮޑަށް އެދޭ ކަމެއް،" ސުވައިދު ވިދާޅުވިއެވެ.

ހުރިހާ އޮފީސްތަކުން ވަރަށް ބޮޑަށް މުބާރާތުގެ މަސްލަހަތާއި ކުޅިވަރުގެ ރޫހަށް މިހާރުވެސް އިސްކަންދޭ ކަމަށާއި، އެކަމަށްޓަކައި އޮފީސްތަކަށް ޝުކުރު އަދާކުރާ ކަމަށްވެސް ބަބާ ވިދާޅުވިއެވެ.