15 Mar 2018, 18:15
ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޕާލިމެންޓުން ނިންމާ ނިންމުންތަކަށް އަމަލު ކުރަން ނުހޭނެ ކަމަށާއި އަމަލު ކުރަން ޖެހޭނީ އީޔޫ ކައުންސިލުން ނިންމާ ނިންމުންތަކަށް ކަމަށް އީޔޫއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން ވިދާޅުވެއްޖެ އެވެ.
އީޔޫ ޕާލިމެންޓުން މިއަދު ވަނީ ރާއްޖެއާ ދެކޮޅަށް ގަރާރެއް ފާސްކޮށްފަ އެވެ. އަދި ބައެއް ކަންކަން އިސްލާހު ކުރުމަށް ވަނީ ގޮވާލައިފަ އެވެ.
އެކަމާ ގުޅިގެން ޝިއާން 'ސަން' އަށް ވިދާޅުވީ އީޔޫ ޕާލިމެންޓުން މިއަދު ނިންމި ނިންމުމަކީ ރާއްޖޭން އަމަލު ކުރަން ޖެހޭނެ އެއްޗެއް ނޫން ކަމަށެވެ.
"އީޔޫ ޕާލިމެންޓުން ނެރޭ ގަރާރުތަކަކީ އަމަލުކުރަން ޖެހޭ އެއްޗެއް ނޫން. އަމަލު ކުރަން ޖެހޭނީ އީޔޫ ކައުންސިލުން ނިންމާ ނިންމުންތަކަށް،" ޝިއާން ވިދާޅުވި އެވެ.
އަދި ޕާލިމެންޓުން ނެރޭ ގަރާރަކަށް އަމަލު ނުކޮށް ފިޔަވަޅު އެޅޭނެ އެއްވެސް އުސޫލެއް އީޔޫގައި ނޯންނަ ކަމަށް ވެސް ޝިއާން ވިދާޅުވި އެވެ.
ޝިއާން ވިދާޅުވި ގޮތުން އީޔޫ ޕާލިމެންޓުން ރާއްޖެއާ ދެކޮޅަށް ގަރާރެއް ނެރުނީ އަލަކަށް ނޫނެވެ. އެންމެ ފުރަތަމަ 2014 ވަަނަ އަހަރު ގަރާރެއް ނެރުނު ކަމަށާއި އޭގެ ފަހުން ބައެއް ކަންކަމަށް ގޮވާލާ ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ރާއްޖެއާ ދެކޮޅަށް ގަރާރު ނެރެމުންދާ ކަމަށް ވިދާޅުވި އެވެ.
އެހެންނަމަވެސް މިހާތަނަށް ރާއްޖެއަށް ފިޔަވަޅެއް އަޅާފައި ނެތް ކަމަށް ޝިއާން ފާހަގަ ކުރެއްވި އެވެ.
އީޔޫ ޕާލިމެންޓުން މިއަދު ނެރުނު ގަރާރުގައި އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާށާއު ސިޔާސީ ހައްޔަރީން ދޫކޮށްލައި ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ވެރިންނަށް ބައިވެރިވެވޭ ގޮތަށް ރިޔާސީ އިންތިހާބު ބޭއްވުމުގެ މަގު ފަހިކޮށްދިނުމަށް ވަނީ ގޮވާލާފަ އެވެ.
އޭގެ އިތުރުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުން ދާތީ އެކަން ހުޓާލުމަށް ވެސް އީޔޫ ޕާލިމެންޓް ގަރާރުގައި ވަނީ ގޮވާލައިފަ އެވެ. އަދި އެކި ދީންތަކަށް ފުރުސަތު ދިނުމަށް ވެސް ގޮވާލާފައިވެ އެވެ.