25 Aug 2011, 09:40
ޓްރިޕޮލީ (އޮގަސްޓް 25) : ލީބިޔާގެ ކާރނަލް މުޢައްމަރުލްޤައްޒާފީ އަށް ސިޔާސީ ޙިމާޔަތާއި ރައްކާތެރިކަންދޭން ތައްޔާރަށް އޮތްކަން ލެޓިންއެމެރިކާގެ ޤައުމެއް ކަމަށްވާ ނިކަރާގުއާ އާއި އެފްރިކާގެ ޤައުމެއް ކަމަށްވާ ބޯރކީނާ ފާސޯ އިން ހާމަކޮށްފިއެވެ.
ނިކަރާގުއާގެ ރައީސް ޑެނިއަލް އޮރޓޭގާގެ މުސްތަޝާރަކު ވިދާޅުވީ މީގެކުރިންވެސް އެތަށްފަހަރަކު ގައްޒާފީއަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުމަށް ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް އެހުށަހެޅުން ތަކަށް ގައްޒާފީ ޖަވާބު ދެއްވާފައިނުވާ ކަމުގައެވެ. އަދި މިހާރުވެސް ނިކަރާގުއާއޮތީ ގައްޒާފީއާއި އޭނާގެ ޢާއިލާއަށް ޙިމާޔަތް ދިނުމަށް ތައްޔާރަށް ކަމަށް ނިކަރާގުއާ ގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.
ބޮރކޯނާ ފާސޯގެ ޚާރިޖީ ވަޒީރު ޖިބްރީލް ބަސޫލް ރޭ ވިދާޅުވީ އޭނާގެ ޤައުމުން ލީބިޔާގެ އިންތިޤާލީ މަޖިލީހަށް އިޢްތިރާފްވެފައިވީ ނަމަވެސް ގައްޒާފީއަށާއި އޭނާގެ ޢާއިލާއަށް ޙިމާޔަތްދިނުމަށް އޮތީ ތައްޔާރަށް ކަމުގައެވެ. ލީބިޔާގެ އިންތިޤާލީ މަޖިލީހުންވެސް މިކަމާ އިދިކޮޅު ނަހަދާ ކަމަށް ބަސޫލް ވިދާޅުވިއެވެ.
ލީބިޔާގެ އިންތިޤާލީ މަޖިލީހުގެ ރައީސް މުސްތަފާ ޢަބްދުލްޖަލީލް އިއްޔެ ވިދާޅުވީ ގައްޒާފީއާއި އޭނާގެ ޢައިލާ ބޭރު ޤައުމެއްގެ ޙިމާޔަތަށް ދިޔުމަށް އިންތިޤާލީ މަޖިލީހުން އަދިވެސް ދެކޮޅު ނުހަދާ ކަމަށާއި ގައްޒާފީ ހައްޔަރު ކުރެވުނު ނަމަވެސް އޭނާ އަމިއްލައަށް މަޤާމުން ދުރުވެ ވަޑައިގެންނެވިކަން ޢިޢްލާން ކުރައްވައިފިނަމަ ބޭރުޤައުމެއްގެ ޙިމާޔަތަށް ދިޔުމުގެ ފުރްސަތު ގައްޒާފީއާއި ޢާއިލާ ދެއްވާނެ ކަމުގައެވެ.
މިކަން މިގޮތަށް ނިންމެވީ ގައްޒާފީގެ އަނިޔާވެރިކަން ކިތަންމެ ބޮޑު ނަމަވެސް ލީބިޔާގެ ޤައުމީ މަސްލަޙަތަށާއި ގައްޒާފީއާ މުޢާމަލާތްކުރެވޭ ގޮތަކުން ލީބިޔާގައި އުފެދިދާނެ ދާޚިލީ ފިތުނައަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި ކަމަށް ޢަބްދުލްޖަލީލް ވިދާޅުވިއެވެ. ޢަބްދުލްޖަލީލްވަނީ ގައްޒާފީއަށް ވަފާތެރި ފަރާތްތަކާ ދެކޮޅަށް ބަދަލު ހިފުމުގެ އެއްވެސް ޢަމަލެއް ނުހިންގުމަށް ހަނގުރާމަވެރިންނަށް ތަކުރާރުކޮށް އަންގަވާފައެވެ.
ނޭޓޯގެ ތަރްޖަމާނަކުވެސް ވިދާޅުވެފައިވަނީ ގައްޒާފީ އާއި ޢާއިލާ ބޭރު ޤައުމެއްގެ ޙިމާޔަތަށް ދިޔުމަށް ނޭޓޯ ދެކޮޅު ނަހަދާނެ ކަމުގައެވެ. ނަމަވެސް އެންމެ ރަނގަނޅު ގޮތަކީ ގައްޒާފީ ހައްޔަރު ކުރުމަށްފަހު ލީބިޔާގެ ކޯޓެއްގައި އޭނާގެ މައްޗަށް ޝަރީޢަތް ހިންގުން ކަމަށް ނޭޓޯގެ ތަރްޖަމާން ވިދާޅުވިއެވެ.
އަނެއްކޮޅުން ޤައްޒާފީއާއި އާއި އޭނާގެ ދަރިކަލުން ސައިފުލް އިސްލާމް، ޓްރިޕޮލީގެ ދެކުނުގެ އަވަށެއްކަމަށްވާ އަބޫސަލީމްގައި އުޅުއްވާ ކަމަށް ބެލެވިފައިވާތީ ހަނގުރާމަވެރިންނާއި ގައްޒާފީއަށް ވަފާތެރި ސިފައިންނާ ދެމެދު އެއަވަށުގައި ވަރުގަދައަށް ހަނގުރާމަ ހިނގަމުން އެބަދެއެވެ.
ހަނގުރާމަވެރިންގެ ކޮމާންޑަރަކު ވިދާޅުވީ އަބޫސަލީމް އަވަށުން ގައްޒާފީގެ ދަރިކަލުން ސައިފުލްެއިސްލާމް ފެނިފައިވާ ކަމަށާއި އެވަށާއި އެއަވަށާ ޖެހިގެންއޮންނަ އަލްޢަޒީޒިއްޔާ އަވަށުގައި ހަނގުރާމަވެރިންނާއި ގައްޒާފީއަށް ވަފާތެރި ސިފައިންނާ ދެމެދު ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާ ކަމުގައެވެ.
މީގެއިތުރުން ގައްޒާފީއަށް ވަފާތެރި ސިފައިން ޓްރިޕޮލީގެ މެދުތެރެއަށް ހަމަލާތައް ދެމުން ގެންދާ ކަމަށާއި އެމީހުން އެކިތަންތަނަށް ބަދަލުވަމުންދާތީ އެމީހުން ބަލިކުރުން ހަނގުރާމަވެރިންނަށް އުނދަގޫ ވެފައިވާ ކަމަށްވެސް ހަނގުރާމަވެރިންގެ ކޮމާންޑަރަކު ވިދާޅުވިއެވެ. (އަލްޖަޒީރާ+ނޫސްއެޖެންސީތައް)