14:30


މުވައްޒަފުން ކުރަމުން ގެންދާ ހަޅުތާލުގެ ސަބަބުން އެއާ އިންޑިއާއިން މިއަދު އޮޕަރޭޓްކުރަން ހަމަޖައްސާފައި އޮތް 76 ފްލައިޓެއް ކެންސަލްކޮށްފި އެވެ.


އިންޑިއާގެ ޓީވީ ޗެނަލެއް ކަމަށްވާ އެންޑީޓީވީ އިން ބުނާ ގޮތުގައި އެއާ އިންޑިއާގެ މުވައްޒަފުން އެއްވެސް ގޮތަކަށް މީޑިއާ އާ ވާހަކަދެއްކުން އެކުންފުނީގެ ސީނިއާ މެނޭޖްމަންޓުން މަނާކުރުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހިގެން އެކުންފުނީގެ މުވައްޒަފުން ކުރަމުންދާ މުޒާހަރާގެ ސަބަބުން މިހާތަނަށް 76 ފްލައިޓެއް ކެންސަލްކޮށްފައިވާއިރު، މިމުޒާހަރާ އިތުރަށް ދިގުދެމިގެން ހިގައްޖެނަމަ މިއަދަދު ވަރަށް ބޮޑުތަން އިތުރުވެގެން ދާނެ ކަމުގެ ބިރުވެރިކަން އެބަ އޮތް ކަމަށެވެ.


މިކަމާ ގުޅިގެން އެއާ އިންޑިއާގެ ޗެއާމަން އަރްވިންދް ޖާދަވް ވަނީ މުޒާހަރާ ކުރަމުންދާ މުވައްޒަފުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް އިންޒާރުކުރައްވާފަ އެވެ. އަދި މެނޭޖްމަންޓާއި މުވައްޒަފުންނާ ދެމެދު އިއްޔެ ބޭއްވި މަޝްވަރާތައް ނާކާމިޔާބުވެފައިވާ ކަމަށާއި މިއަދު ބާއްވާ މަޝްވަރާތައް ވެސް ނާކާމިޔާބުވެއްޖެނަމަ މުޒާހަރާ ގައި ބައިވެރިވާ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ޖެހިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


މައުލޫމާތު ލިބޭ ގޮތުގައި މިމުޒާހަރާ ފެށުނީ މިދިޔަ ހަފްތާގައި ދުބާއީން ފުރައިގެން އިންޑިއާގެ މެންގަލޫރަށް ޖައްސަން އައި އެއާ އިންޑިއާ އެކްސްޕްރެސްގެ މަތިންދާ ބޯޓެއް ވެއްޓި އޭގައި ދަތުރުކޮށްފައި އައި 158 މީހުން މަރުވި ހާދިސާއަށް ފަހު އެކުންފުނީގެ މުވައްޒަފުން މީޑިއާ އާ ވާހަކަދެއްކުން މަނާކޮށް ކުންފުނީގެ ސީނިއާ މެނޭޖްމަންޓުން ނޯޓިސް ނެރުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހިގެންނެވެ.


މިމުޒާހަރާގެ ސަބަބުން އެތައް ހާސް ފަސިންޖަރުންނެއް ވަނީ ނުފުރި މަޑުކުރަން ޖެހިފަ އެވެ. ނަމަވެސް މި ފަސިންޖަރުންނަށް ފްލައިޓްތައް އޮޕަރޭޓްކޮށްދިނުމަށް އެދި އެއާ އިންޑިއާ އިން ޖެޓް އެއާވޭޒް އަދި ކިންގްފިޝަރ އާ ވާހަކަދައްކަމުން ދާ ކަމަށް މައުލޫމާތުލިބެ އެވެ.