25 Aug 2011, 09:33
މުޤަދީޝޫ (އޮގަސްޓް 25) : ހައިހޫނުކަމުގެ ވޭން ތަޙައްމަލްކުރަމުން ގެންދާ ސޮމާލިޔާގެ ރައްޔިތުންނަށް އީރާނުންދޭ ކާބޯތަކެއްޗާއި ބޭހުގެ ޝިޕްމަންޓަކާއެކު އެޤައުމުގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަލީ އަކްބަރު ސާލިޙީ އާއި އީރާނުގެ ބައެއް މަސްއޫލުވެރިން ސޮމާލިޔާގެ ވެރިރަށް މުޤަދީޝޫއަށް އިއްޔެ ވަޑައިގެންފި އެވެ.
މުޤަދީޝޫގައި ސޮމާލިޔާގެ ބޮޑުވަޒީރު ޢަބްދުލްވަލިއްޔު މުޙައްމަދާ ބައްދަލުކުރެއްވުމަށްފަހު އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ އީރާނުން ސޮމާލިޔާއަށް މިހާތަނަށް ފޮނުވަފައިވާ އެތަށް ހާސް ޓަނެއްގެ ކާބޯތަކެއްޗާއި ބޭހުގެ އިތުރުން ފަސްހާސް ޓަނުގެ އިތުރު ކާބޯތަކެއްޗާއި ބޭސް ކުރިޔަށްއޮތް ދެތިން ހަފްތާތެރޭގައި ސޮމާލިޔާއަށް ފޮނުވައިދޭނެ ކަމުގައެވެ. އަދި ސޮމާލިޔާގެ މުސްލިމް ރައްޔިތުން ބަނޑަށް މަރުވާތަން ބަލަން އީރާން ނޯންނާނެ ކަމަށްވެސް ސާލިހީ ވިދާޅުވިއެވެ.
މީގެއިތުރުން ސޮމާލިޔާގެ ދެސަރަޙައްދެއްގައި އީރާނުގެ ދެހޮސްޕިޓަލް ޤާއިމްކޮށް އެތަނަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުންނާއި ބޭހާއި މެޑިކަލް ސާމާނުވެސް އީރާނުން ފޯރުކޮށްދޭނެ ކަމަށް ސާލިހީ ވިދާޅުވިއެވެ. އީރާނުން މިހާރުވެސްވަނީ މުޤަދީޝޫގެ ދެ ސަރަޙައްދެއްގައި އިންސާނީ އެހީއާއި ބޭސްފަރުވާ ފޯރުކޮށްދިނުމުގެ ދެކޭންމްޕް ޤާއިމްކޮށްފައެވެ. މިދެ ކޭންޕަށް އީރާނުން ފޮނުވާ އިންސާނީ އެހީ ސޮމާލިޔާގެ ރައްޔިތުންނަށް ބެހުމާއި ބޭސްފަރުވާ ދޭންޖެހޭ ފަރާތްތަކަށް އެޚިދްމަތް ފޯރުކޮށްދެމުން ގެންދަނީ އީރާނުގެ ރެޑް ކްރެސެންޓް ޖަމްޢިއްޔާއިން ނެވެ.
އީރާނުންވަނީ ސޮމާލިޔާގެ ރައްޔިތުންނަށް އެހީވުމަށްޓަކައި 30 މިލިޔަން އެމެރިކާ ޑޮލަރު ހޭދަކުރާނެކަން ކުރިން ހާމަކޮށްފައެވެ. އީރާނުގެ ޚާރިޖީ ވަޒީރު ގެ ކުރިން އިސްލާމީ އެހެން ޤައުމެއް ކަމަށްވާ ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާންވަނީ އިންސާނީ އެހީގެ ތަކެތި ހިއްޕަވައިގެން މިދިޔަ ހަފްތާގެ ކުރީކޮޅު ސޮމާލިޔާއަށް ޒިޔާރަތް ކުރައްވާފަ އެވެ.
އަނެއްކޮޅުން ސަޢޫދީ އަރަބިޔާއިންވަނީ ހައިހޫނުކަން ތަޙައްމަލްކުރާ ސޮމާލިޔާގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން 50 މިލިޔަން އެމެރިކާ ޑޮލަރު އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމް އާ ޙަވާލުކޮށްފައެވެ. އެޕްރޮގްރާމްގެ ޑައިރެކްޓަރ ޖޯޒެތް ޝިރަން ވަނީ ސަޢޫދީއަރަބިޔާ ދިން 50 މިލިޔަން ޑޮލަރ އެޕްރޮގްރާމްގެ އެކައުންޓަށް ލިބުނުކަން ކަށަވަރުކޮށްދެއްވާފައެވެ. (އަލްޖަޒީރާ+އަލްޢާލަމް)