15 Mar 2018, 15:33
ކަތަމަންޑޫ (މާޗް 15): ނޭޕާލްގެ އުއްތަމަ ފަނޑިޔާރުގެ މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ އުމުރު ފަހަނައަޅާ ދިޔުމުން ވެސް އިސްތިއުފާ ދެއްވަން ދެކޮޅު ހެއްދެވި ގޯޕާލް ޕަރަޖުލީ މަގާމުން ވަކިކޮށްފި އެވެ.
ޕަރަޖުލީ މަގާމުން ވަކި ކުރީ އޭނާ އުއްތަމަ ފަނޑިޔާރުގެ ގޮތުގައި ހުންނެވުމަށް ޓަކައި އުފަން ތާރީހާ ބެހޭ ގޮތުން އިތުރުފުޅު ހެއްދެވި ކަމަށް އެގައުމުގެ ޖުޑީޝަލް ކައުންސިލް ސެކްރެޓޭރިއެޓުން ނިންމުމުންނެވެ.
އެކައުންސިލުން ނިންމި ގޮތުގައި ޕަރަޖުލީގެ އުފަން ދުވަހަކީ ފަހެއް އޮގަސްޓް 1952 އެވެ. އެހެންކަމުން އޭނާއަށް 65 އަހަރުވެފައި ވުމުން ނޭޕާލްގެ ގާނޫނު އަސާސީގައިވާ ގޮތުން މަތިން އޭނާ މަގާމުން އިސްތިއުފާ ދެއްވަން ޖެހޭނެ އެވެ.
ނަމަވެސް ޕަރަޖުލީ ވިދާޅުވި ގޮތުގައި އޭނާ އުފަންވީ 28 އޭޕްރިލް 1953ގަ އެވެ. އެހެންކަމުން އޭނާ އިސްތިއުފާ ދެއްވަން ނުޖެހޭ ކަމަށާއި އުއްތަމަ ފަނޑިޔާރުގެ ޒިންމާ އަދާ ކުރައްވަމުން ގެންދަވާނެ ކަމަށް ޕަރަޖުލީ ވަނީ ވިދާޅުވެފަ އެވެ.
ޕަރަޖުލީގެ އުފަން ތާރީހު އެކި ލިޔުންތަކުގައި އެކި ގޮތަށް ހުރި ކަމަށް ފުރަތަމަ ރިޕޯޓު ކުރީ ނޭޕާލުގެ ނޫހެއް ކަމަށްވާ ކަންތިޕޫރު ޑެއިލީންނެވެ. އޭގެ ސަބަބުން ޕަރަޖުލީ ވަނީ އޭނާއާ ބެހޭ ގޮތުން ލިޔާ ހަބަރު ސެންސަރު ކުރުމަށް ގައުމުގެ ޕްރެސް ކައުންސިލަށް އަންގައި، ކަންތިޕޫރު ޑެއިލީން ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ނޯޓިސް ފޮނުވާފައި އެވެ. (ޓެލެގްރާފް)