ބަޔަކު ނެރޭ އަސްލެއްނެތް ވީޑިއޯތަކާއި ފަތުރާ ހަގީގަތެއް ނެތް ވާހަކަތަކެއްގެ ސަބަބުން ފުލުހުންގެ ސަފުތައް ހީނަރުވެގެން ނުދާނެ ކަމަށާއި ފުލުހުންގެ ސަފުތައް އޮތީ ބަދަހިކޮށްކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު ސުޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ފުލުހުން ގާނޫނީ ވާޖިބު ފުލުހުންނަށް ވަރަށް ސާފު ކަމަށާއި ގާނޫނީ ވެރިކަން ވައްޓާލުމަށް ފުރުޞަތު ނުދެވޭނެ ކަމަށެވެ.

"ފުލުހުންގެ ސަފުތައް އޮތީ ވަރަށް ބަދަހިކޮށް. އެއްވެސް ފަރާތަކުން ޖަހާ ދަންތުރައެއްގައި ފުލުހުން ނުޖެހޭނެ ކަމުގެ ޔަގީންކަން އަރުވަން. ފުލުހުންނަށް ފުލުހުންގެ ވާޖިބު ވަރަށް ސާފު،" ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ ރޭ މާލޭގައި ކުރިއަށް ދިޔަ ފަދަ އެއްވުމެއް މާދަމާ ވެސް ބާއްވަން ނިންމާފައިވާކަން ފުލުހުންނަށް އެނގިފައިވާ ކަމަށާއި އެފަދަ ފުރުޞަތެއް ފުލުހުން ނުދޭނެ ކަމަށެވެ.

ޝިފާން ވިދާޅުވީ މަދު ބަޔަކު ނުކުމެ މާލެ ތެރެ ހަލަބޮލިކުރަން މަސައްކަތް ކުރުމުގެ ސަބަބުން ވިޔަފާރިތަކަށާއި މަގުތައް ބޭނުން ކުރާ ފަރާތްތަކަށް އުނދަގޫ ވަމުންދާ ކަމަށެވެ. އަދި އެއްވުންތަކާ ގުޅިގެން ގިނަ އަދަދެއްގެ ޝަކުވާ ވެސް ހުށައަޅަމުންދާ ކަމަށެވެ.

"މަދު ބަޔަކު ނުކުމެ ކުރިއަށް ގެންދާ ހަރަކާތްތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ދަނީ ޝަކުވާ ހުށައަޅަމުން،" ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ މާދަމާގެ އެއްވުމަކީ ވެސް ގާނޫނާއި ހިލާފަށް ބާއްވާ މުޒާހަރާއެއް ކަމަށާއި އެ މުޒާހަރާގައި ބައިވެރި ނުވުމަށް އާންމު ރައްޔިތުންނަށް ނަސޭހަތްތެރިވާ ކަމަށެވެ.

ޝިފާން ވިދާޅުވީ މިފަދަ މުޒާހަރާތައް ރާވާ ހިންގާ ފަރާތްތައް ހޯދާ ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.