ގއ. ނިލަންދޫ ސްކޫލުގެ ހަތަރު ކްލާސްރޫމް އެޅުމަށް ވީއަވާ އިންވެސްޓްމަންޓްއާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް އަލީއެވެ. އަދި ވީއަވާގެ ފަރާތުން ސޮއިކުރެއްވި އެކުންފުނީގެ އޮޕަރޭޝަން މެނޭޖަރު އަސްލަމް ހުސައިނެވެ.

މިއީ ތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށް ހަޖެހިފައިވާ ޕްރޮޖެކްޓެކެެވެ. އެ މަސައްކަތް ވީއަވާއާ ހަވާލުކޮށްފައިވަނީ 2.38 މިލިޔަން ރުފިޔާއަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަލަށް އިމާރާތްކުރާ ކްލާސްރޫމްތައް މިއަހަރުގެ ދެވަނަ ސެމެސްޓަރުގައި ބޭނުންކުރަން ފެށޭނެ ކަމަށެވެ.

ގްރޭޑް އެކަކުން 10 އަކާ ހަމައަށް ކިޔަވައިދޭ ނިލަންދޫ ސްކޫލުގައި މިހާރު ކިޔަވަމުންދަނީ އެންމެ 126 ދަރިވަރުންނެވެ. ދަރިވަރުންނަށް ކިޔަވައިދިނުމަށް އެ ސްކޫލުގައި މިހާރު ހުންނަނީ ހަ ކްލާސްރޫމެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ 98 ސްކޫލެއްގައި 600 އަށްވުރެ ގިނަ ކްލާސްރޫމްތައް އަޅާފައިވާ ކަަމަށެވެ. އަދި މިއަދު ސޮއިކުރި އެއްބަސްވުމުގެ އިތުރުން 20 ސްކޫލެއްގައި 113 ކްލާސްރޫމް އެޅުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.