އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ޅ. އަތޮޅު ބުރުގައި ނައިފަރު އަދި ހިންނަވަރު ވާދަކުރި ފުރަތަމަ މެޗު، ބޮޑު ތަފާތަކުން ނައިފަރު ކާމިޔާބުކޮށްފިއެވެ.

ނައިފަރު ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި އެޓީމުން ހިންނަވަރުގެ މައްޗަށް ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.

މިއަހަރުގެ މިނިވަން ޗެމްޕިިއަންޝިޕް މުބާރާތުގައި ޅ. އަތޮޅުން ބައިވެރިވެފައިވަނީ ދެ ޓީމެވެ. އެއީ ނައިފަރާއި ހިންނަވަރެވެ. އެ އަތޮޅުގެ އަތޮޅު ބުރުގައި ކުޅުމަށް ހަމަޖެހިފައިވަނީ ހޯމް އެންޑް އަވޭ އުސޫލުން ޖުމްލަ ދެ މެޗެވެ. ދެ މެޗުން މޮޅުވާ ޓީމަށް ޗެމްޕިއަންކަން ލިބޭނެއެވެ.

އިއްޔެގެ މެޗުގެ 38 ވަނަ މިނެޓުގައި ނައިފަރުން ވަނީ ލީޑު ނަގައިފައެވެ. އެޓީމަށް ލީޑު ލިބިގެންދިޔައީ އާދަމް އަސްފާންގެ ގޯލުންނެވެ. ދެވަނަ ހާފް ފެށިގެން 58 ވަނަ މިނެޓުގައި އަސްފާން ވަނީ އިތުރު ގޯލެއް ޖަހައި ނައިފަރަށް ލީޑު ފުޅާކޮށްދީފައެވެ.

ނައިފަރުން ވަނީ ދެވަނަ ގޯލް ޖެހިތާ މިނެޓެއް ނުވަނީސް ތިންވަނަ ގޯލް ޖަހައި މެޗުގެ ނަތީޖާ 3-0 އަކަށް ބަދަލުކޮށްލައިފައެވެ. ނައިފަރުގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ މައުރޫފް ހުސައިންއެވެ.