15 Mar 2018, 14:40
ވޮޝިންގްޓަން (15 މާޗް): ޗައިނާއިން އެމެރިކާއަށް އެތެރެކުރާ ތަކެތީގެ ތެރެއިން 60 ބިލިއަން ޑޮލަރުގެ މުދަލާ ހަމައަށް އިމްޕޯޓް ޑިއުޓީ ނަަގަން އެމެރިކާ އިން ނިންމައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ނިންމުން ނިންމެވި އިރު، ޑިއުޓީނަގަނަން ބޮޑަށް ނިންމައިފައި ވަނީ ޓެކްނޮލަޖީއާ ބެހޭ ބާވަތްތަކުގެ މުދަލުންނެވެ.
ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ވެސް ޓްރަމްޕް ވަނީ އެމެރިކާގައި އިންޑިަސްޓްރީތަކާއި ވަޒީފާތައް އިތުރުކުރުމުގެ ގޮތުން އެމެރިކާ އަށް އިމްޕޯޓްކުރާތަކެތި މަދުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
ޓްރަމްޕްގެ ނިންމުމާ ގުޅިގެން ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން ލޫ ކޭންގް ރައްދުގައި ވިދާޅުވީ އެމެރިކާގެ އެ އަމަލާއާ ގުޅިގެން ޗައިނާގެ ވިޔަފާރީގެ މަސްލަހަތު ހިމާޔަތްކުރުމަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
ޗައިނާގައި އުފައްދައިފައިވާ މުދާ އެމެރިކާގެ މާކެޓްގައި މާބޮޑަށް އުޅޭތީވެ އެކަމާ އެމެރިކާގެ ގިނަ ވިޔަފާރިވެރިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އޭގެ ބަދަލުގައި އެމެރިކާގައި އިންޑަސްޓްރީތައް ހިމާޔަތްކުރުމަށް ވެސް ވިޔަފާރިވެރިން ދަނީ ބާރު އަޅަމުންނެވެ.
ޗައިނާއިން އެމެރިކާއަށް އެތެރެކުރާ ސްޓީލް އާއި އެލުމިނިއަމްއިން ޑިއުޓީ ނެގުމަށް ވެސް ޓްރަމްޕް މިދިޔަ ހަފުތާގައި ވަނީ ނިންމައިފަ އެވެ.
މަސްދަރު: ޕްރެސްޓީވީ