15 Mar 2018, 12:26
މި ދިޔަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ރާއްޖެ އަށް ކުއްލި ހާލާތު ނެރެފައިވީ ނަމަވެސް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާ އިރު 19 ޕަސެންޓް އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ މިދިޔަ މަހުގެ ޓޫރިސްޓް އެރައިވަލް ރިޕޯޓްގައިވާ ގޮތުން މިދިޔަ މަހު ރާއްޖެއައި ޓޫރިސްޓުންގެ އަދަދަކީ 144،286 އެވެ. އަދި އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި 121،052 ޓޫރިސްޓުންނަށް ވުރެ، 23،234 މީހުން އިތުރު އަދި 19.2 ޕަސެންޓް އިތުރު އަދަދެކެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންނަށް ބަލާ އިރު އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. އެއީ 54.5 ޕަސެންޓެވެ. އަދި ދެ ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުންނެވެ. އެއީ މިދިޔަ މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 37.6 ޕަސެންޓު ފަތުރުވެރިންނެވެ.
ވަކި ވަކި މާކެޓް ތަކަށްބަލާއިރު ރާއްޖޭގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން ޓްރެވަލް އެޑްވައިޒަރީ ނެރެފައިވާ ޗައިނާ އިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާ އިރު 38.1 ޕަސެންޓް އިތުރުވެފަ އެވެ. އަދި އިޓަލީ ވިލާތުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 24.5 ޕަސެންޓް އިތުރުވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ރާއްޖޭގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދަށް އަސަރުކޮށްފާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން ފަތުރުވެރިން އަންނަ މިންވަރު ދަށް ވިޔަ ނުދިނުމަށް ޓަކައި ބޮޑެތި މާކެޓިން އިވެންޓްތަކާއި ރޯޑް ޝޯތައް އަދި އެހެން ވެސް ކަންކަން ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މި އަހަރުގެ ޖެނުއަރީ މަހުންފެށިގެން ފެބްރުއަރީ މަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 286،637 ޓޫރިސްޓުން ޒިޔާރަތް ކޮށްފަ އެވެ.