ދިމިޝްގު (15 މާޗް): ސީރިއާގެ ގޫތާގެ މުހިންމު ސަރަހައްދަކަށް ސީރިއާގެ ސަރުކާރު ސިފައިން ވަދެއްޖެ އެވެ.

ސީރިއާގެ ހައްދު ފަހަނަ އަޅާފައިވާ ހަނގުރާމަވެރި ގްރޫޕްތަކުގެ ރުހުން ލިބިފައިވާ ސީިރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން އިން އިއްޔެ ބުނީ ސީރިއާގެ ވެރިރަށް ދިމިޝްގުން 12 ކިލޯ މީޓަރު ދުުރުގައި އޮންނަ ގޫތާގެ މުހިންމު ރަށެއް ކަމަށްވާ ހުމައިރިއްޔާއަށް ވެދެގެންފައިވާ ކަމަށެވެ.

ހުމައިރިއްޔާއަކީ ސީރިއާގެ ހަނގުރާމަވެރި ގްރޫޕެއް ކަމަށްވާ ފަލަގް އަލް ރަހްމާން އިން ކޮންޓްރޯލް ކުރަމުން އައި ސަރަހައްދެކެވެ.

ސީރިއާގެ ހަނގުރާމަވެރި އެކިއެކި ގްރޫޕުން 2012 ވަނަ އަހަރުއްސުރެ ދަނީ ގޫތާ ކޮންޓްރޯލް ކުރަމުންނެވެ. ގޫތާއަކީ ސީރިއާގެ ސަރުކާރަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދެމުންގެންދާ ސަރަހައްދެކެވެ. އެހެން ކަމުން ސީރިއާގެ ސަރުކާރަށް އެ ސަރަހައްދު ހިފިއްޖެ ނަމަ ވެރިރަށް ދިމިޝްގަށް ހަނގުރާމަވެރިން ދެމުންގެންދާ ހަމަލާތައް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިގެންދާނެ އެވެ.

ސީރިއާގެ ސިފައިން ގޫތާއަށް ވަރުގަދަ ހަމަލާތައް ދޭން ފެށީ މިދިޔަ މަހު އެވެ. ރަޝިއާގެ ސިފައިން ވެސް ދަނީ ސީރިއާގެ ސިފައިންނަށް މަދަދު ދިނުމުގެ ގޮތުން ގޫތާ އަށް ވަރަށް ވަރުގަދައަށް ވައިގެ ހަމަލާތައް ދެމުންނެވެ.

މަސްދަރު: ޕްރެސްޓީވީ