15 Mar 2018, 08:59
ސައިންސްގެ އިތުރުން ޓެކްނޮލަޖީގެ ދާއިރާއަށް ވެސް އިއްޔެއަކީ ކަޅު ދުވަހެކެވެ. އިނގިރޭސި ތިއޮރެޓިކަލް ފިޒިސިސްޓެއްގެ އިތުރުން ކޮސްމޮލަޖިސްޓު ޕްރޮފެސަރު ސްޓީވަން ހޯކިންގް އިއްޔެ ވަނީ އަވަހާރަވެފައެވެ. ސްޓީވަން އަވަހާރަވުމަކީ ސައިންސާއި ޓެކްނޮލަޖީގެ ދާއިރާއަށް އައި ހީނަރުކަމެކެވެ. އޭނާ އަކީ މި ފަހުގެ ތާރީޚު ދުށް އެންމެ ވިސްނުންތޫނު އެއް ސައިންޓިސްޓެވެ.
ސްޓީވަން އަވަހާރަވުމާ ގުޅިގެން ޓެކްނޮލޮޖީގެ ދުނިޔޭގައި ފާހަގަކޮށްލެވޭ ބޮޑެތި ނަންތަކުން އަންނަނީ ސްޓީވަންއަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރަމުންނެވެ. ގޫގުލްގެ ސީއީއޯ ސަންޑާ ޕިޗާއީ އޭނާގެ ޓްވިޓާގައި ވިދާޅުވީ ގެއްލިގެން އެދިޔައީ މޮޅު ސިކުނޑިއެއް އަދި ކުޅަދާނަ ސައިންޓިސްޓެއް ކަމަށެވެ.
އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވީ ސްޓީވަން ވަކިވި ނަމަވެސް އޭނާގެ ވިސްނުން އަދި އިލްމު ފުހެވިގެން ނުދާނެ ކަމަށެވެ.
އިންޑިއާގެ ޓާޓާ އިންވެސް ވަނީ ސްޓީވަންގެ މަސައްކަތާ ގުޅޭގޮތުން ޓްވީޓެއް ކޮށްފައެވެ. ޓާޓާ އިން ޓްވީޓުކުރީ ސްޓީވަންގެ ކޯޓެކެވެ. މީގެ އިތުރުންވެސް ގިިނަ ކުންފުނިތަކުން ދަނީ ސްޓީވަންގެ މަސައްކަތުގެ އަގުވަޒަންކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންނެވެ.
ސްޓީވަން އިއްޔެ އަވަހާރަވިއިރު އުމުރުފުޅަކީ 76 އަހަރެވެ. އުމުރުން 21 އަހަރުގައި ސްޓީވަން އަށް މޯޓަ ނިއުރޯން ޖެހިފައިވާ ކަމަށް ޑޮކްޓަރުން ބުންޏެވެ. އޭރު ޑޮކްޓަރުން ލަފާކުރީ އޭނާ ދިރިހުންނާނީ ގިނަވެގެން އިތުރު ދެ އަހަރު ކަމަށެވެ. ނަމަވެސް އޭގެ ފަހުން 50 އަށް ވުރެ ގިނަ އަހަރު އޭނާ ދުނިޔޭގައި ހުންނެވިއެވެ.
ފުރޮޅުލީ ގޮނޑިއެއްގައި އިންނަވަމުން ސައިންސާއި ޓެކްނޮލަޖީގެ ދާއިރާއަށް އިންގިލާބުތައް ގެންނެވުމަށް މަސައްކަތް ކުރެއްވިއެވެ.