15 Mar 2018, 09:43
އަހަރުގެ ފަހުކޮޅު ބޮލީވުޑްގެ ކާމިޔާބު ބަތަލު ޝާހްރުކްހާންގެ "ޒީރޯ" ރިލީޒްކުރުމަށް ފަހު ދެން އޭނާ އެންމެ އަވަހަށް ފެންނާނީ މަހޭޝް މަތާއީ ޑައިރެކްޓް ކުރާ "ސެލިއުޓް" އިންނެވެ.
ޒީރޯގެ މަސައްކަތް ނިންމުމަށް ފަހު "ސެލިއުޓް"ގެ ޝޫޓިން އޭނާ ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ރާކޭޝް ޝަރްމާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ "ސެލިއުޓް"ގެ ޝޫޓިން އަންނަ ސެޕްޓެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
"ސެލިއުޓް" އެންމެ ފުރަތަމަ ކުޅެން ހުށައެޅީ އާމިރު ހާނަށެވެ. ނަމަވެސް އޭނާ ވަނީ ބިޒީ ޝެޑިއުލް އާ ހެދި އެ ފިލްމު ދޫކޮށްލާފަ އެވެ.
އަންނަ އަހަރުގެ ތެރޭގައި ފިލްމު ސިނަމާ އަށް ގެންނާނެ ކަމަށް ލަފާކޮށް ފިލްމުގެ ޑައިރެކްޓަރު ބުނީ ސެލިއުޓް އަކީ ދިރިއުޅުމަށް ބިނާކޮށް ތައްޔާރު ކުރާ ވާހަކަ އަކަށް ވުމުން ޝައުގުވެރި އެތައް ކަންތައްތަކެއް އެ ފިލްމުން ފެނިގެންދާނެ ކަމަށެވެ.
ޝާހް އާ އެކީ އަނެއްކާ ވެސް މަސައްކަތްކޮށްލަން ލިބުމުން ހިތްހަމަ ޖެހޭ ކަމަށާއި އޭނާގެ މަސައްކަތާ މެދު ޝައްކެތްނެތް ކަމަށް ވެސް މަހޭޝް ވަނީ ބުނެފަ އެވެ.
މައުލޫމާތު: ބޮލީވުޑް ލައިފް