15 Mar 2018, 12:38
އަރަބް ސްޕްރިންގް ނުވަތަ އަރަބިންގެ ބަހާރު މޫސުމުން ލިބުނު ހިތްވަރާ އެކު ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތައް މިހާރު ވަނީ އެތައް ގައުމުތަކެއް ބައިވެރިވާ ހަނގުރާމައަކަށްވެފަ އެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ފާއިތުވި ހަތް އަހަރު ތެރޭ ސީރިއާގެ އެތައް ހާސް މީހުން މަރުވެ، ގައުމުގެ ބޮޑެތި ޝަހަރުތައް ވަނީ ސުންނާފަތިވެފަ އެވެ.
ނަމަވެސް ސީރިއާގެ މުސްތަގުބަލާ މެދު އެންމެ ބޮޑަށް ކަންބޮޑުވާން ޖެހޭ އެއް ސަބަބަކީ ކުރިއަށް އޮތް ތަނުގައި ގައުމު އާރާސްތުކޮށް ހިންގުމާ ހަވާލުވާނެ ކުޑަކުދިންނަށް އެހަނގުރާމައިގެ ސަބަބުން ކުރާ އަސަރެވެ.
ސީރިއާގެ ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ލަފާ ކުރާ ގޮތުގައި 2011 ވަނަ އަހަރު ސީރިއާ ހަނގުރާމަ ފެށުނު ފަހުން އެގައުމުގައި މަރުވި މީހުންގެ އަދަދު ބައި މިލިއަނަށް އަރަ އެވެ. އޭގެ ތެރޭގައި 19،800 ކުޑަކުދިން ހިމެނޭ ކަމަށް އެއޮބްޒަވޭޓަރީން ބުންޏެވެ.
"އެހަނގުރާމައިގެ ސަބަބުން ކުޑަކުދިންނަށް ދަނީ ހުއްޓުމެއްނެތި އިންތިހާއަށް އަނިޔާ ލިބެމުން. މިއީ ކުޑަކުދިންނާ ދެކޮޅަށް ކުރާ ހަނގުރާމައެއް.. އެތައް ހާސް ކުޑަކުދިން މަރުވެ، އެތައް ހާސް ކުދިން ދަނީ މަރުވަމުން. އަދި އެތައް ހާސް ކުދިންނަށް ވަނީ ސީރިއަސް އަނިޔާތައް ލިބިފައި. އެއަނިޔާގެ ލަކުނު މުޅި އުމުރަށް ހުންނާނެ،" މެދުއިރުމަތީގައި ހުންނަވާ ޔުނިސެފްގެ ރީޖަނަލް ޑިރެކްޓަރު ގީތު ކަޕެލައެރޭ ވިދާޅުވި އެވެ.
ޔުނިސެފުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ސީރިއާގެ 10 މިލިއަން ކުޑަކުދިންގެ ތެރެއިން 8.6 މިލިއަން ކުދިންނަށް ވަނީ އެހީ ބޭނުންވެފަ އެވެ. އަދި އެގައުމުގެ ހަ މިލިއަން ކުދިން ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުންދާ ކަމަށާއި 2.5 މިލިއަން ކުދިންނަށް ވަނީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ގެއްލިފައި ކަމަށް އެރިޕޯޓުގައިވެ އެވެ.

ސީރިއާގެ އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ދޫމާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާ ކުޑަކުއްޖެއް -- ފޮޓޯ: އޭއެފްޕީ
މީގެ އިތުރުން، ހަނގުރާމައިގެ ތެރޭގައި ބޮމާއި ބަޑީގެ ހަމަލާތައް ފެނުމުން ކުޑަކުދިންނަށް ލިބޭ ޖިސްމާނީ އަނިޔާގެ އިތުރުން އެކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށްވެސް އޭގެ އަސަރު ކުރެ އެވެ.
އެގޮތުން ކުޑަކުދިންގެ ހައްގުތައް ހޯދައި ދިނުމަށް މަސައްކަތް ކުރާ ޖަމްއިއްޔާ، ސޭވް ދި ޗިލްޑްރެން އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ސީރިއާގެ ހަނގުރާމަ ތަޖުރިބާ ކުރި ގިނަ ކުދިން އަބަދު ވެސް ދިރިއުޅެމުން ދަނީ ހަމަލާއެއް ދީފާނެ ކަމުގެ ބިރުވެރިކަމުގައި އެވެ.
އެރިޕޯޓު ލިޔެފައި ވަނީ ސީރިއާގެ 450 ކުޑަކުދިންނާއި ބެލެނިވެރިންނާ އިންޓަވިއު ކުރުމަށް ފަހުގަ އެވެ. އަދި ރިޕޯޓުގައިވާ ގޮތުން އެޖަމްއިއްޔާ އިން އިންޓަވިއު ކުރި ކުދިންގެ ތެރެއިން 80 ޕަސެންޓު ކުދިންގެ ފަރާތުން ސިއްހަތަށް ގެއްލުންވާ ވަރަށް ސްޓްރެސްވެފައިވާ ކަމުގެ އަލާމާތްތައް ފެނުނެވެ. އެގޮތުން ވާހަކަ ދެއްކުމަށް އުނދަގޫ ވުމާއި ތަންމައްޗަށް ކުޑަކަމު ދިޔުމާއި އަމިއްލަ ނަފްސަށް އަނިޔާ ކުރުމާއި އަމިއްލައަށް މަރުވާން އުޅުން ފަދަ އަލާމާތްތައް އެކުދިންގެ ފަރާތުން ފެނިފައިވެ އެވެ.
ނަމަވެސް އެޖަމްއިއްޔާއިން ވަނީ ކުޑަކުދިންނަށް ބޭނުންވާ އެހީ އެކުދިންނަށް ލިބިއްޖެ ނަމަ، އެކުދިންގެ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށްވެސް ބުނެފައި އެވެ.
"އެކުދިންނަށް ބޭނުންވާ އެހީތެރިކަން ލިބިއްޖެ ނަމަ އެކުދިންގެ ހާލު ރަނގަޅު ވާނެ ކަމުގެ އުއްމީދު އެބަ އޮތް. އަޅުގަނޑުމެން ބޭނުން ވަނީ ހަމަނުޖެހުންތައް ނިމުމަކަށް އައުން ނަމަވެސް ހަނގުރާމައިގެ މެދުތެރޭގައި ވެސް ފޯރުކޮށްދޭ ކުޑަ އެހީތެރިކަމަކުން ބޮޑު ތަފާތެއް ފެނިދާނެ،" ސޭވް ދި ޗިލްޑްރެންގެ ޑިރެކްޓަރެއް ކަމަށްވާ މިސްޓީ ބަސްވެލް ވިދާޅުވި އެވެ.
ސީރިއާގެ އާއްމު ރައްޔިތުން ހަނގުރާމަ ނިމޭނެ ދުވަހަކަށް އިންތިޒާރު ކުރަމުން ދިޔަ ނަމަވެސް، ކަމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ހަނގުރާމަ ނިމޭނީ އަދި އަހަރުތަކެއް ފަހުންނެވެ. އެދުވަހަކުން ސީރިއާއަށް އެންމެ ބޭނުން ވާނީ މިހަނގުރާމައިގެ އަނިޔާ އެންމެ ބޮޑަށް ތަހައްމަލު ކުރަން ޖެހުނު ކުޑަކުދިންނެވެ.