24 Aug 2011, 23:04
ދިރާގުގައި ހިމެނޭ ސަރުކާރުގެ ހިއްސާގެ ތެރެއިން 33 ޕަސަންޓް ހިއްސާ އާއްމުކޮށް ވިއްކަން ނިންމައި، އަންނަ އޮކްޓޯބަރު މަހު ހިއްސާ ވިއްކަން ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
ސަރުކާރާއި ދިރާގުން ގުޅިގެން މިރޭ ޓްރޭޑާސް ހޮޓެލްގައި ބޭއްވި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒް ވިދާޅުވީ، ފުރުތަމަ ބުރުގައި ވިއްކާ 33 ޕަސަންޓް ހިއްސާ ގަތުމުގެ ފުރުސަތު ދިވެހިންނަށާއި އަދި ބޭރު ފަރާތްތަކަށް ވެސް ހުޅުވާލާނެ ކަމަށެވެ.
~
ނަމަވެސް، ރާއްޖޭގައި ވިއްކާނީ ކިހާވަރެއް ކަމެއް އަދި ހިއްސާގެ އަގެއް ވެސް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
އިކޮނޮމިކް މިނިސްޓަރު މަހްމޫދް ރާޒީ ވިދާޅުވީ، ހިއްސާގެ އަގު ކަނޑައެޅުމުގެ މަސައްކަތާއި ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ވިއްކަން ގަސްތުކުރާ އަދަދުތައް ކަނޑައެޅުމަށް މިހާރުވެސް ދިރާސާތަކެއް ކުރަމުންދާ ކަމަށެވެ. އަދި އަންނަ އޮކްޓޯބަރު މަހުގައި ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލާނީ، ހިއްސާދާރުންނަށް ބޭނުންވާ އެހުރިހާ މައުލޫމާތެއް ފޯރުކޮށްދިނުމަށް ފަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަދި ހިއްސާގެ އަގު އުޅޭނީ "ވަކި ވަކި ހިއްސާދާރުންނަށް ވެސް ގަނެވޭ ވަރުގައި" ކަމަށް ވެސް ރާޒީ ވިދާޅުވި އެވެ.
ނަމަވެސް، ހިއްސާ ވިއްކާނެ އުސޫލުތަކާ ގުޅޭ މާބޮޑު ތަފްސީލެއް މިރޭ ހާމައެއް ނުކުރެ އެވެ.
ހިއްސާ ވިއްކާނީ ކޮންޓްރޯލެއް ގަނެވޭ ގޮތަށްތޯ ނުވަތަ އެކަން ނުވޭތޯ ބެލުމަށް ފިޔަވަޅުތަކެއް އަޅާނެތޯ ސުވާލު ދެންނެވުމުން މިނިސްޓަރު ރާޒީ ވިދާޅުވީ، އެކަން ކުރާނީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކާ އެއްގޮތަށް ކަމަށް ވާތީ، "ބަހައިފަ، މިވެނި ބޭފުޅަކު މިވެނި ވަރަކަށޭ ބައްލަވާ ގަންނަން ޖެހޭނީ ނުދަންނަވާނަން" ކަމަށެވެ.
"އެހެންނަމަވެސް، އަޅުގަނޑުމެން އޭތި ]ހިއްސާ ވިއްކާ އުސޫލު[ ބައްޓަންކޮށްފައި އެކަން މިކުރަނީ އެންމެ އެކަހެރި ފަރުދަކަށް ވެސް ގަނެވޭ ގޮތަށޭ ދަންނަވާނީ. އެހެންވީމަ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެހާ ބޮޑެތި ރެސްޓްރިކްޝަންތަކެއް ]ހިފެހެއްޓުންތަކެއް[ ހުންނާނެ ކަމަކަށް،" އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.
އަދި މިފަހަރު ހިއްސާ ވިއްކަން އިއުލާން ކޮށްފައި މިވަނީ ހިއްސާދާރުން ގިނަ ކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި އާއްމުކޮށް ހިއްސާ ވިއްކަން ފެށުމުގެ ބޭނުމުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެންނަމަވެސް، އޭގެ މާނައަކީ ހިއްސާދާރުން "މަދުކޮށްފައި އެ ދެތިން މީހަކަށް ވިއްކާލާ ވާހަކައެއް ނޫން" ކަމުގައި ރާޒީ ވިދާޅުވި އެވެ.
މީގެ އިތުރުން މިހާރު ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ހުރި ކުންފުނިތަކާ އަޅާބަލާއިރު ދިރާގަކީ "މާ ފުންނާބު އުސް ކުންފުންޏެއް" ކަމަށާއި އެކުންފުނީގެ ހިއްސާ ގަނެގެން ރައްޔިތުންނަށް ފައިދާ ކުރާނެ ކަމުގެ ބޮޑު ޔަގީންކަމެއް ވެސް މިނިސްޓަރު ދެއްވި އެވެ.
ސަރުކާރުގެ ބޮޑު ހިއްސާ އެއް އޮތް މުއާސަލާތީ ކުންފުނީގެ ހަތް ޕަސެންޓް، 40 މިލިއަން ޑޮލަރަށް ]514 މިލިއަން ރުފިޔާ[ އަށް 2009 ވަނަ އަހަރު އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔަލަސް އަށް ވިއްކާލުމާ ގުޅިގެން އެކުންފުނީގައި އޮތް ސަރުކާރުގެ ހިއްސާ ވަނީ 48 އަށް ވެއްޓިފަ އެވެ. އެ ކުންފުނީގެ އަނެއް ހިއްސާދާރު، ކޭބަލް އެންޑް ވަޔަލަސްގެ ހިއްސާއަކީ 52 ޕަސެންޓެވެ.
ދިރާގުގައި ހިމެނޭ ސަރުކާރުގެ ހިއްސާގެ ތެރެއިން މި އަހަރު އިތުރަށް ހިއްސާ ވިއްކައިގެން 1.46 ބިލިއަން ރުފިޔާ ހޯދުމަށް ސަރުކާރުން ރާވާފައިވެ އެވެ.