14 Mar 2018, 22:48
ބޭރުގެ ގައުމުތަކާއި ޔޫރަޕިއަން ޔޫނިއަން(އީޔޫ) ފަދަ ޖަމައާތްތަކުން ކަންބޮޑުވަނީ ރާއްޖެއަކީ 100 ޕަސެންޓް އިސްލާމީ ގައުމަކަށްވާތީ ކަމަށް ސަރުކާރު ހިންގާ ޕީޕީއެމް ކޯލިޝަނުން ބުނެފި އެވެ.
ރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް އުޅޭ ނަމަ އަދަބު ދޭ ގޮތަށް މިހާރު އޮތް ގޮތް ކުށްވެރިކޮށް އަދި އިސްލާމްދީނާ ގުޅޭ އިތުރު ކަންކަން ހިމެނޭ ގޮތަށް އީޔޫ އިން ރާއްޖެ އާ ދެކޮޅަށް ފާސްކުރަން މަސައްކަތް ކުރާ ގަރާރާ ގުޅޭ ގޮތުން"ސަން"އަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވީ އެހެން އެކަން ކުރަނީ ރާއްޖެއަކީ 100 ޕަސެންޓް އިސްލާމީ ގައުމަކަށް ވާތީ ކަމަށެވެ. މައުރޫފް ވިދާޅުވީ އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ އެއީ ދިވެހިންނަށް ލިބިގެންވާ އިންސާނީ ހައްގެއް ކަމަށާއި އެކަމާ ބޭރުގެ އެއްވެސް ފަރާތަކާއި ނުބެހެވޭނެ ކަމަށެވެ.
"ބޭރުގެ ގައުމުތަކާއި އީޔޫ ފަދަ ޖަމައާތްތަކުން ރާއްޖެއާ ދެތެރޭގައި ފިއްތުންތައް ކުރިމަތި ކުރުވާ ސަބަބަކީ މިއީ ސައްތައިން ސައްތަ އިސްލާމް ގައުމަކަށްވުން. ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އިސްލާމީ ގައުމަކަށް ވުމަކީ ކޮންމެ ގައުމަކަށް ވެސް ލިބިގެންވާ އަމިއްލަ ހައްގެއް ކަން. އަދި އެއީ އެއްވެސް ފަރާތަކަށް ނިގުޅައިގަނެވޭނެ ހައްގެއް ނޫން." ކެނދިކުޅުދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ ބޭރުގެ ގައުމުތަކުން ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ގޮވާލުމާއި އެއް ޖިންސުން ކައިވެނި ކުރުމުގެ ހައްގު ދިނުމަށް ގޮވާލާ ގޮވާލުންތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ "ލާދީނީ ގޮވާލުން"ތަކަށް ސަރުކާރުން ދޭނީ ބީރު ކަންފަތެއް ކަމަށެވެ. އަދި އިސްލާމް ދީން ދޫކޮށް ބޭރުގެ ބައެއްގެ އަޅުވެތި ކަމަށް ގައުމު ދާން ދޫކޮށްލާނެ ކަމަށް ބަޔަކަށް ހީވާ ހީވުމަކީ ކުށްހީއެއް ކަމަށެވެ. އަދި ވިދާޅުވީ އެ ފުރުޞަތު ނުދެއްވާނެ ކަމަށެވެ.
މައުރޫފް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ބޭނުންވަނީ ރާއްޖެއަށް "ލިބަރަލް ޑިމޮކްރަސީ" ގެންނަން ކަމަށެވެ. ނަމަވެސް އެކަމަކީ އިދިކޮޅަށް ހުވަފެނުން ވެސް ގެނެވޭނެ ކަމެއް ނޫން ކަމަށެ މައުރޫފް ވިދާޅުވި އެވެ.
"އިދިކޮޅުގައި ތިބި ބަޔަކު މި މަސައްކަތް ކުރަނީ ރާއްޖެއަށް ލިބަރަލް ޑިމޮކްރަސީ ގެންނަން. ނަމަވެސް ދިވެހިން އެ ފުރުޞަތެއް ނުދޭނެ. އެފަދަ ކަންކަމުގެ ސަބަބުން ގައުމުތަކުގައި ނަސްލީ ހަނގުރާމަތަކާއި ދާހިލީ ހަނގުރާމަތައް އެބަހުރި ހިނގާފައި. ދިވެހިންނަކީ އަބަދު ވެސް އަމަންއަމާން ކަމަށް ލޯބި ކުރާ ބައެއް. އަމާން ކަމަކީ އެންމެން އެއް ދީނަކަށް އުޅުން. އިސްލާމް ދީނަށް އުޅުން،" މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ އިދކޮޅުގެ އެއްވުންތަކުގައި ބައިވެރިވާ އާންމު ރައްޔިތުންނަށް އިދިކޮޅު ލީޑަރުންގެ ހަގީގީ ވިސްނުން ނޭނގޭ ކަމަށެވެ. އަދި ވިދާޅުވީ އިދިކޮޅުން އާންމު ރައްޔިތުން މުޒާހަރާތަކަށް ނެރެނީ "ގުނބޯ" ހައްދައިގެން ކަމަށާއި އިދިކޮޅުގެ ހަގީގީ ބޭނުމަކީ މާތްވެގެންވާ އިސްލާމްދީނާއި ގައުމިއްޔަތު ފުނޑާލުންކަމަށެވެ.
"އިދިކޮޅު މުޒާހަރާތަކުގައި ބައިވެރިވާ މީހުންނަށް ވެސް ނޭނގޭ ހަގީގަތުގައި މި މީހުންގެ އަސްލު ވިސްނުން. ހަގީގަތަކީ އިދިކޮޅުގެ ބޭނުމަކީ ރާއްޖޭގެ މާތްވެގެންވާ އިސްލާމްދީނާއި ގައުމިއްޔަތު ފުނޑާލުން. އެފުރުޞަތެއް ދިވެހިން ނުދޭނެ،" މައުރޫފް ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ރަޢީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ސަރުކާރަށް އުނދަގޫ ކުރުމަށް މުޒާހަރާތައް އިއުލާން ކުރާ ކޮންމެ ފަހަރަކު އިދިކޮޅަށް ވާގިދޭ ބައެއް ޖަމައާތްތަކުން މިފަދަ ކޮންމެ ވެސް ކަމެއް ކުރާ ކަމަށެވެ.
"ބައެއް ފަހަރު ބައެއް ޖަމައަތްތަކުން ކަންކުރާ ގޮތުން އެބަހީވޭ އެ ޖަމާއަތްތަކަކީ ކުރީގެ ރައީސް ނަޝީދާއި އިދިކޮޅަށް ބައިތު ހިފައިގެން ތިބޭ އެމީހުން ބުނާ ގޮތެއް ހަދައިގެން ބަޔާން ނެރެން ތިބޭ ބައެކޭ،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ބައެއް ޖަމައަތްތަކުން ނެރޭ ބަޔާންތަކަށް ބަލާލުމުން އެ ބަޔާންތަކުގެ އަސްލަކީ ކޮބައިކަން އޮޅޭ ތަން އަންނަ ކަމަށެވެ.
ދިވެހި ސަރުކާރުގެ އިސް ވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވިލާތު އިއްތިހާދު (އީޔޫ)ގެ ގާނޫނު ހަދާ މަޖިލީހަށް ވަނީ ހުށައަޅާފަ އެވެ. މާދަމާ ރާއްޖެ ގަޑިން 4:30 ގައި ވޯޓަށް އަހަން ހަމަޖެހިފައިވާ އެގަރާރުގައި ވަނީ ރާއްޖޭގައި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ އުސޫލުތަކަށް އިހުތިރާމު ކުރާކަން ޔަގީން ކުރުމަށްޓަކައި އީޔޫއިން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅަން ގޮވާލާފައި އެވެ.